މި އަހަރުގެ މެދުތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ ބޮލީވުޑްގެ ތަރި، ކާތިކް އާރިއަންގެ ފިލްމު 'ކެޕްޓަން އިންޑިއާ' އަންނަ އަހަރުގެ އޮގަސްޓްގައި ސިނަމާތަކަށް ގެންނަން ޕްލޭންކޮށްފި އެވެ.
މި ފިލްމަކީ ކުރިން ރޯނީ ސްކްރޫވާލާ އާއި ހަރްމަން ބަވާޖޭ ގުޅިގެން ޕްރޮޑިއުސްކޮށް، ހެންސަލް މެހެތާ ޑައިރެކްޓްކުރާ ގޮތަށް ޖުލައި 23، 2021 ގައި އިއުލާންކުރި އެވެ. އޭރު ފިލްމުގެ ޕްރޮޑިއުސަރުންނަކީ ރޯނީ ސްކުރޫވާލާ އާއި ކުރީގެ އެކްޓަރު ހަރްމަން ބަަވޭޖާ އެވެ.
ނަމަވެސް މިހާރު ޝިމިތު އަމިންއާ ހަވާލުކޮށްގެން ހަދަން ނިންމާފައިވާ 'ކެޕްޓަން އިންޑިއާ' ޕްރޮޑިއުސްކުރަނީ ހަރްމަން އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެންނެވެ.
އެގޮތުން ބެލުންތެރިންނަށް ފިލްމު ގެނެސްދޭން މިހާރު ތާވަލުކުރި ތާރީހަކީ އަންނަ އަހަރުގެ އޮގަސްޓް 13 އެވެ.
'ކެޕްޓަން އިންޑިއާ' ގެ ޑައިރެކްޝަނާ ހަވާލުވެފައިވާ ޝިމިތު އަކީ ޝާހްރުކް ޚާންގެ 2007 ގެ 'ޗަކް ދޭ އިންޑިއާ' ގެނެސްދިން ޑައިރެކްޓަރެވެ. އޭނަ އެންމެ ފަހުގެ ފިލްމަކީ ރަންބީރް ކަޕޫރްގެ 2009 ގެ 'ރޮކެޓް ސިންގް: ސޭލްސްމަން އޮފް ދި އިޔާ' އެވެ.
ކާތިކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކްރީޗާ ކޮމެޑީ 'ނާގްޒިއްލާ' އާއި ޑައިރެކްޓަރު އަނޫރާގް ބާސޫގެ އަދި ނަން އިއުލާން ނުކުރާ އަސަރު ގަދަ ލޯބީގެ މިއުޒިކަލްއެއްގެ އިތުރުން ޑައިރެކްޓަރު ކަބީރް ޚާންގެ ނަން އިއުލާން ނުކުރާ ސްޕޯޓްސް ޑްރާމާއެއް ހިމެނެ އެވެ.
ކާތިކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުހެ ޑިސެންބަރުގައި ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އެވެ.