Last Updated: July 13, 06:07
Monday, July 13, 2026
ޚަބަރު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން ޗައިނާއާއެކު މަޝްވަރާކޮށްފި

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން ޗައިނާއާއެކު މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ސީޗުއާންގެ ވައިސް ގަވަރުނަރު ރެން ޖިންގްޑޮންގްގެ އިސްނެންގެވުމުގެ ދަށުން ރާއްޖެއަށް ޒިޔާރަތްކުރެއްވި ސީޗުއާންގެ ވަފުދާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މި ބައްދަލުވުމުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން، ދޭދޭ ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ފުޅާކުރުމާ ގުޅޭގޮތުން ބިނާކުރުވަނިވި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. މީގެ އިތުރުން، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ރާއްޖޭގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް ތައާރަފުކޮށް ކުރިއެރުވުމުގައި ދެގައުމުގެ މެދުގައި އޮތް އެއްބާރުލުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް ސައީދު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި، ރާއްޖޭގެ ތަރައްގީއަށްޓަކައި އިސްކަންދޭ މުހިންމު ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާ ސަރުކާރުން ތައްޔާރަށް އޮތްކަން ހާމަކުރައްވާފައިވާތީ އެކަން އަގުވަޒަންކުރާ ކަމަށާއި އަދި މިއީ 2024 ވަނަ އަހަރު ބެއިޖިންގަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ އިސްވެރިންގެ މެދުގައި ވެވުނު އެއްބަސްވުންތަކާ އެއްގޮތްވާ ގޮތުގެ މަތިން އިގްތިސާދީ ގުޅުން ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި މި ފެށުނު މަސައްކަތްތަކުގެ ސަބަބުން، ދެ ފަރާތަށް ވެސް ފައިދާހުރި، އަމަލީ ގޮތުން ފެންނަން ހުރި ހެޔޮ ނަތީޖާތަކެއް ހާސިލުވެ، ގައުމުގެ ފާގަތިކަމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ސައީދު ވިދާޅުވި އެވެ.