Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

ނަފްސާނީ ހާލަތެއް ތަހައްމަލު ކުރާނަމަ ލަސްނުކޮށް އެހީ ހޯދާ

ނަފްސާނީ ހާލަތެއް ތަހައްމަލު ކުރާނަމަ ލަސްނުކޮށް އެހީ ހޯދުމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފި އެވެ.

ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ މުޖުތަމަޢުގައި ފަހަކަށް އައިސް ހިނގަމުންދާ ނަފްސާނީ ގޮތުން އަސަރުކުރުވާފަދަ ހިތާމަވެރި ޙާދިސާތަކާމެދު ނުހަނު ބޮޑަށް ކަންބޮޑުވާ ކަމަށާއި މި ދަނޑިވަޅުގައި، އެކަކު އަނެކަކަށް ހަމްދަރުދީއާއި، ޒިންމާދާރުކަމާއެކު އޯގާތެރިކަމާއެކު މުޢާމަލާތް ކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.

ކޮންމެ އިންސާނެއްގެ ފުރާނައަކީ މަތިވެރި އަގުހުރި އަމާނާތެއް ކަމަށާއި ދިރިއުޅުމުގެ ދަތުރުގައި ކޮންމެ މީހަކަށްވެސް އުފަލާއި ހިތާމައިގެ ވަގުތުތަކާ ކުރިމަތިލާންޖެހޭއިރު، މީސްމީޑިއާގައި ފަތުރާ ވާހަކަތަކާއި ހިއްސާކުރާ މަޢުލޫމާތުތަކަކީ، ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާއި، ވަކިވެދިޔަ ފަރާތްތަކުގެ ޢާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތަކެއް ކުރުވާނެ ކަންކަން ކަމަށް ބުނެފައިވެ އެވެ.

"ވީމާ، މިފަދަ ނާޒުކު ވަގުތުތަކުގައި ޙަޤީޤަތާ ޚިލާފު ވާހަކަތަކާއި، ހިތްދަތި މަންޒަރުތައް ނުވަތަ ކަށަވަރުނުވާ މަޢުލޫމާތު ފެތުރުމުން ދުރުހެލިވުމަށް ޢާންމުންނަށާއި މީޑިއާތަކަށް ބާރުއަޅައި އިލްތިމާސްކުރަމެވެ. އޭގެ ބަދަލުގައި، އެކަކު އަނެކަކަށް އުއްމީދާއި ހިތްވަރު ދިނުމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މެސެޖުތައް އިސްކުރައްވާށެވެ،" އެ ބަޔާނުގައިވެ އެވެ.

ޤައުމެއްގެ ޙައިސިއްޔަތުން، އެކަކު އަނެކެއްގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ އެންމެންގެ ޝާމިލު ޒިންމާއެއް ކަމަށާއި ޙަޤީޤަތެއް ނެތް ވާހަކަތަކުގެ ބަދަލުގައި ހަމްދަރުދީ އިސްކޮށް، ފާޑުކިޔުމުގެ ބަދަލުގައި އޯގާތެރިކަން، އަދި ބިރުވެރިކަމުގެ ބަދަލުގައި އުއްމީދު ކުރިއަށް ނެރުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

"ނަފްސާނީ ގޮތުން ދަތި އުނދަގޫ ޙާލަތެއް ތަޙައްމަލު ކުރަމުންދާ ފަރާތެއް ނަމަ، ތިޔައީ އެކަނިވެރިއެއް ނޫންކަން ޤަބޫލުކުރައްވާށެވެ. ލަސްނުކުރައްވައި އެހީތެރިކަން ހޯއްދަވާށެވެ. އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ 1677 މެދުވެރިކޮށް، 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން (Psychological First Aid) ލިބިގެންދާނެއެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

މި ބަޔާނުގައި ވަނީ ނަފްސާނީ ދުޅަހެޔޮކަމަކީ ޚާއްޞަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމެއްކަން ޤަބޫލުކޮށް، މިނިސްޓްރީން ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ފަންނީ ބޭފުޅުންނާއި ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމަޢަށް އެހީތެރިކަން ފޯރުކޮށްދެވޭނެ، ހަރުދަނާ ނިޒާމެއް ބިނާކުރުމުގައި ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވެސް ވަނީ އަރުވައިފަ އެވެ.