Last Updated: July 13, 06:07
Monday, July 13, 2026
ޚަބަރު

ކޮށާލިޔަސް ހައްގުގައި ކުރާ މަސައްކަތް ހުއްޓާނުލާނަން

ކޮށާލިޔަސް ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން މޭޔަރު އާޒިމަށް ވަނީ ހަމަލާދީފަ އެވެ. މި ހަމަލާއާ އެކު އެއްވުމުގެ ތެރެއިން ބަޔަކު ވަގުތުން އާޒިމްގެ ދިފާއުގައި ނުކުމެ، އެ ޒުވާނާ މޭޔަރާ ދުރަށް ޖެއްސި އެވެ.

މި ހަމަލާ އެމްޑީޕީގެ އިސްވެރިން ކުށްވެރިކޮށްފައިވާއިރު އާޒިމް ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް ކޮށާލިޔަސް ހުއްޓާލާނެ ކަމަށް ސަރުކާރުން ހީކޮށްގެން ނުވާނެ ކަމަށާއި ކޮށާލިޔަސް މި މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. އަދި ރޭ ހިނގާދިޔަ ކަންތައްތަކާއެކު މިރޭ އޮންނަ އިހުތިޖާޖު ވާނީ އިތުރަށް ވަރުގަދަ ކަމަށާއި މިހާރު ރާއްޖޭގައި އޮތީ ރައްޔިތުންގެ އިތުބާރު ނެތް ސަރުކާރެއް ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވަނީ ރައްޔިތުންގެ އިތުބާރު ނެތް ސަރުކާރެއް ދަމަހައްޓަން އެއްވެސް ފަރާތަކުން މަސައްކަތްކޮށްގެން ނުވާނެ ކަމަށާއި ގައުމުގައި ހުރި މައްސަލަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގައި ބަހައްޓައިގެން ހައްލު ނުވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

އާޒިމަށް ދިން ހަމަލާ ކުށްވެރިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުﷲ ޝާހިދު ވަނީ މި ޙަމަލާ ތަހުގީގުކުރުމަށާއި، ވެރިރަށް މާލޭގެ މޭޔަރަށް ދޭން ޖެހޭ ފުރިހަމަ ރައްކާތެރިކަން ދިނުމަށް އަދި ސުލްޙަވެރި ސިޔާސީ ޙަރަކާތްތައް ހިންގޭނެ މާޙައުލެއް ޤާއިމްކޮށްދިނުމަށް ފުލުހުންނަށާއި ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފަ އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.