Last Updated: July 11, 13:48
Saturday, July 11, 2026
ކުޅިވަރު

ބެޓިސް އިން ފަހު ވަގުތު ރެއާލް ހިފަހައްޓައިފި

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

ލީގުގައި ބާކީ ފަސް މެޗު އޮތްއިރު، މި ނަތީޖާއާއެކު 33 މެޗުން ލިބުނު 74 ޕޮއިންޓާ އެކު ރެއާލް އޮތީ ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި ރެއާލަށް ވުރެ އެއް މެޗު މަދުން ކުޅެ 82 ޕޮއިންޓު ހޯދައިގެން އޮތީ ބާސެލޯނާ އެވެ. ލީގުގައި ބާސާއިން މިރޭ ގެޓާފޭއާ ދެކޮޅަށް ނިކުންނާނެ އެވެ.

ބެޓިސްގެ ދަނޑުގައި ކުޅުނު މި މެޗުގެ 17 ވަނަ މިނެޓްގައި ވިނީޝަސް ޖޫނިއާ ވަނީ ރެއާލަށް ލީޑު ނަގައިދީފަ އެވެ. ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ރެއާލަށް ލިބުނުއިރު، ދެވަނަ ހާފުގައި ބެޓިސް އިން ވަނީ ކުޅުން ރަނގަޅުކޮށް ރެއާލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ. އެ ހަމަލާތައް ދިފާއުކުރުމުގައި ރެއާލްގެ ކީޕަރު ލުނިންގެ ހުޝިޔާރުކަން ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

މި މެޗުން ބެޓިސް އަށް ޕޮއިންޓެއް ކަށަވަރުކޮށްދިން ގޯލު އިތުރު ވަގުތުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ހެކްޓަ ބެލަރިން އެވެ. މިއީ ރެއާލްގެ އޭރިއާގެ ތެރޭގައި ހުރެ ފޮނުވާލި ހަމަލާއަކުން ބެލަރިން ކާމިޔާބުކުރި ގޯލެކެވެ.

ސްޕެނިޝް ލީގު ހޯދުމުގެ ފުރުސަތު ރެއާލަށް ކުޑަވެފައިވާއިރު، ލީގުގައި އެޓީމުން ދެން ނިކުންނާނީ އެސްޕަނިޔޯލްއާ ދެކޮޅަށެވެ.