Last Updated: July 13, 06:07
Monday, July 13, 2026
މީހުން

އެމްޑީޕީ ހުޅުދޫ ދާއިރާ ރައީސްކަމަށް ވެރޮން!

ކުރިޔަށް އޮތް އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި އެމްޑީޕީ ހުޅުދޫ ދާއިރާ ރައީސްގެ މަގާމަށް ވާދަ ކުރެއްވުމަށް އަހުމަދު ޒާހިދު (ވެރޮން) ނިންމަވައިފިއެވެ.

ނިމިގެން ދިޔަ ލޯކަލްކައުންސިލް އިންތިޚާބުގައި ހުޅުދޫ ދާއިރާއިން އެމްޑީޕީ ހޯއްދެވި ކާމިޔާބުގައި އިސް ދައުރެއް އަދާ ކުރެއްވި ވެރޮން ފާހަނގަކުރެވިފައިވަނީ ހުރިހާ އުމުރުފުރައަކާ ގުޅޭ ހީވާގި ހިންގުންތެރި ބޭފުޅެއްގެ ގޮތުގައެވެ. މިގޮތުން ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރޮން އެމްޑީޕީގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ހުންނަވައި ކުރެއްވި ހީވާގި ބުރަ މަސައްކަތް ފާހަނގަ ކުރެވެއެވެ. ހުޅުދޫ ދާއިރާގެ އެމްޑީޕީ ކެމްޕެއިން ފެނިފައިވަނީ "ތަފާތު" އަދި އުފެއްދުންތެރި ޚިޔާލުތަކާއި އެކު ނިންމާލި ކާމިޔާބު ކެމްޕޭނެއްގޮތުގައެވެ.

އެމްޑީޕީގެ އާންމު މެމްބަރުންގެ މަސްލަހަތު އިސްކޮށް ޕާޓީ ހަރުދަނާކޮށް ޕާޓީ ބައިބައިވިޔަނުދީ ހިފެހެއްޓުމަށް ޕާޓީގެ މެމްބަރުން ގޮވަމުންދާ ދަނޑިވަޅެއްގައި، އައްޑޫ ހުޅުދޫ ދާއިރާގެ ހިންގުން ހަރުދަނާކޮށް ހަރަކާތްތައް ފުޅާކުރުމަށް އެމްޑީޕީ ހުޅުދޫ ދާއިރާ ރައީސްގެ މަގާމަށް ގެނައުމަށް އެންމެ އެކަށީގެންވާ އަދި އެންމެ ގާބިލު ބޭފުޅަކީ ވެރޮން ކަމުގައި އެމްޑީޕީގެ ގިނަ މެމްބަރުން އެއްބަސްވެއެވެ.

ވެރޮން ގަބޫލުކުރައްވާ ގޮތުގައި މި ދަނޑިވަޅަކީ ޕާޓީގެ މެމްބަރުންގެ ރޫޙާއި ވިންދާއި އެއްގޮތަށް މަސައްކަތް ކުރަންޖެހޭ ވަގުތެވެ. އަދި އެމްޑީޕީ ދާއިރާ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ވާންޖެހޭނީ ޕާޓީގެ އާންމު މެމްބަރުންގެ މަސްލަހަތު އިސްކޮށް ޕާޓީގެ މެމްބަރުންގެ މެދުގައި ބައިބައިވުމަށް ޖާގަ ނުދީ ހަމަހަމަ ކަމާއި އެކުވެރިކަމާއި އެކު މަސައްކަތް ކުރެވޭނެ ބޭފުޅަކަށެވެ.

"2028 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކުރުމަށް އެމްޑީޕީ މެމްބަރުން ބައިބައިވިޔަ ނުދީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ހިފަހައްޓަންޖެހޭ. އަދި ޕާޓީގެ މެމްބަރުން ހިފެހެއްޓުމަށް އެންމެ މުހިއްމު މަސައްކަތެއް ކުރެވޭނީ ދާއިރާ ރައީސްއަށް. އަދި ދާއިރާ ރައީސްއަކަށް ހުންނަވާ ބޭފުޅެއްގެ ގައިގައި މި ގާބިލުކަން ހުންނަން ޖެހޭނެ" – މި ނޫހާ ވާހަކަ ދައްކަވަމުން ވެރޮން ވިދާޅުވިއެވެ.

ވެރޮން އާއި ގާތް ބޭފުޅުން ވިދާޅުވާ ގޮތުގައި، ވެރޮން އެމްޑީޕީގެ ދާއިރާ ރައީސްގެ މަގާމާއި ހަވާލުވެވަޑައިގަންނަވާ ހިސާބުން ތަފާތު ދައްކާނެއެވެ. ވެރޮން ވިދާޅުވެފައިވަނީ އެމްޑީޕީ ހުޅުދޫ ދާއިރާގެ ރައީސްގެ މަގާމު ފުރުމަށް ފުރުސަތު ލިބިއްޖެނަމަ ހުޅުދޫ ދާއިރާ ޕާޓީގެ ނަމޫނާ ދާއިރާއަކަށް ހައްދަވާނެ ކަމަށެވެ.