ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާތީ އެ ދާއިރާ އަށް ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މިއަދު ފަށައިފި އެވެ.
މި ޕްރައިމަރީގައި ވާދަކުރަނީ ގޮނޑި ގެއްލުނު މުހައްމަދު ސިނާއި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހުމަދު ސައީދެވެ. ސައިދަކީ މި މަހުގެ 4 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރައްވައިގެން ނާކާމިޔާބުވެވަޑައިގަތް ކައުންސިލަރެވެ.
ހިތަދޫ ދާއިރާގެ މަޖިލިސް ގޮނޑި އަށް ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީފެ ވޯޓްލުން ފެށީ މިއަދު ހެނދުނެވެ. މި ޕްރައިމަރީ އަށް ބެހެއްޓީ ދެ ވޯޓްފޮއްޓެވެ. އެއީ ހިތަދޫ ސްކޫލްގެ އިތުރުން މާލޭގައި ތިބި އުތުރު ދާއިރާގެ މީހުުންނަށް ހާއްސަކޮށް ކަލާފާނު ސްކޫލްގައި ބަހައްޓާފައިވާ ފޮއްޓެވެ.
ވޯޓްލުން ފެށީ ހެނދުނު 9:00 ގަ އެވެ. އަދި ވޯޓްލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ. މި ޕްރައިމަރީގެ ކަންކަން ކުރިއަށް ގެންދަނީ ޕީއެންސީގެ އިންތިހާބާ ބެހޭ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ. ޕްރައިމަރީގައި 727 މީހަކަށް ވޯޓްލެވެ އެވެ.
ހިތަދޫ އިތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމާފައި އޮތީ އަންނަ ޖޫން މަހުގެ 6 ގަ އެވެ.
އެ ދާއިރާގެ ބައި-އިލެކްޝަނަކަށް ދާން ޖެހުނީ ދަރަނީގެ މައްސަލައެއްގައި ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 12 ގައި ހުކުމް ކުރުމާ ގުޅިގެންނެވެ.