Last Updated: July 11, 13:48
Saturday, July 11, 2026
މުނިފޫހިފިލުވުން

ސަންޖޭގެ 'ކަލް ނަޔަަކް 2' އިއުލާންކޮށްފި

ސަންޖޭ ދަތު ވިލަންއެއްގެ ރޯލު ކުޅުނު ކާމިޔާބު ކްރައިމް ފިލްމު 'ކަލް ނަޔަކު' ގެ ދެވަނަ ބައި ރަސްމީކޮށް އިއުލާންކޮށްފި އެވެ.

އިއްޔެ މުމްބާއީގައި ބޭއްވި އިވެންޓެއްގައި ވަނީ ފިލްމުގެ ފަސްޓްލުކް ޕޯސްޓަރުތަކެއްގެ އިތުރުން ފިލްމުގެ ޓީޒާއެއް ވެސް ދައްކާލައިފަ އެވެ. ނަމަވެސް 'ކަލްނަޔަކް ރިޓާންސް'ގެ ނަމުގައި ގެނެސްދޭން ނިންމި ފިލްމުގެ ޑައިރެކްޓަރަކީ ކާކު ކަމެއް ހާމައެއްކޮށްފައެއް ނުވެ އެވެ.

މީގެ 33 އަހަރު ކުރިން ރިލީޒްކުރި 'ކަލް ނަޔަކް' އަކީ ތަޖުރިބާކާރު ޑައިރެކްޓަރު ސުބާޝް ގާއީ ލިޔެ، ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓްކުރި ފިލްމެެކެވެ. އެ ފިލްމުގެ މައިގަނޑު ކާސްޓްގައި ސަންޖޭގެ އިތުރުން ހިމެނެނީ ޖެކީ ޝްރޮފާއި މަދޫރީ ޑިކްސިޓެވެ.

ނަމަވެސް 'ކަލްނަޔަކް ރިޓާންސް' ގައި އެ ދެ ތަރިން ހިމެނޭކަމެއް މިހާތަނަށް ކަށަވަރެއް ނުވެ އެވެ.

މި ފިލްމު ޕްރޮޑިއުސްކުރަނީ ސަންޖޭ އާއި އޭނަގެ އަންހެނުން މާންޔަތާ ދަތުގެ ޕްރޮޑަކްޝަން ހައުސް، ތުރީ ޑައިމެންޝަން މޯޝަން ޕިކްޗާސް އާއި ޖިއޯ ސްޓޫޑިއޯސްގެ އިތުރުން ޕްރޮޑިއުސަރު އަކްޝާ ކަމްބޯޖްގެ އެސްޕެކްޓް އެންޓަޓައިންމަންޓް ގުޅިގެންނެވެ.


'ކަލްނަޔަކް ރިޓާންސް' އިއުލާންކުރި ނަމަވެސް ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް ވެސް އަދި ހާމައެއް ނުކުރެ އެވެ.

މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ސަންޖޭ، 66، ގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 8 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ 'އާޚިރީ ސަވާލް' އެވެ.