Last Updated: July 13, 06:07
Monday, July 13, 2026
ޚަބަރު

ސިއްހީ ނިޒާމު މިހާރު އޮތީ ބޮއްސުންލާފައި: ޖަމީލު

ކުރީގެ ނައިބު ރައީް ޖަމީލު. ފޮޓޯ/ ދައުރު

ރާއްޖޭގެ ސިއްހީ ނިޒާމު މިހާރު އޮތީ ބޮއްސުންލާފައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ހިނގާ އިހުމާލުތަކުގެ ސަބަބުން ފުރާނަތައް ގެއްލިގެން ދިއުމާއި ކުނިވެފައިވާ ކަމަށް ބުނާ ލޭ ތެލަސީމިއާ ކުދިންތަކެއްގެ ގަޔަށް އެޅި ކަމަށް ބުނާ މައްސަލަތެއްކެ އިތުރުން ނަފުސާނީ އެކި ކަހަލަ މައްސަލަތައް، އެފަދަ ކަންކަމުގައި މަރުވާ މީހުން ވެސް އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައި ޖަމީލު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ބޮޑެތި އިހުމާލުތަކެއް ބްލަޑް ސާވިސްގެ ތެރޭގައި ހިމެނޭ އިރު، ސަރުކާރުގެ ސިއްޙީ ނިޒާމު އޮތީ ބޮއްސުންލާފައި ކަމަށެވެ.

އޭނަ ވިދާޅުވީ މިހާރު ސަރުކާރުގެ ހޮސްޕިޓާތަކުން އެކަށީގެންވާ ފަރުވާ ދެވޭނެ ގޮތެއް ނެތިގެން ގެއްލިގެންދާ ފުރާނަތައް ވެސް އިތުރުވަމުންދާ ކަމަށެވެ.

"މެންޓަލް ހެލްތުގެ މައްސަލަތަކަށް ސަމާލު ކަމެއް ނުދެވޭތީ ބޮޑެތި ހާދިސާ އެބަ ހިނގާ. އަދި ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އާސަންދަ ފުނޑާލައިފި،" ޖަމީލު ވިދާޅުވި އެވެ. "އެތަނުން ވައްކަންކުރި މީހާ [ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭ މިހާރުގެ ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު] އަށް ވެސް ލިބުނީ ބޮޑު އިނާމު."

އޭނަ ވިދާޅުވީ މުޅި ދައުލަތުގެ ތެރޭގައި ވައްކަމާ ކޮރަޕްޝަން އާންމުވުމުގެ ސަބަބުން އަސާސީ ޚިދުމަތްތަކަށް ހޭދައެއް ނުކުރާ ކަމަށެވެ.

"ޒިންމާ އަދާނުކޮށް މުޅިންވެ ސް ހުސް ވާހަކަ ދައްކަނީ. ވަޒީރުންނޭ ކިޔާއި ފަތިބީ ހަމައެކަނި މުސާރަ ނަގަން ދަސްވެފައި ތިބި އާދައިގެ ހުނަރެއް ވެސް ނެތް ބައެއް! އެކަމުގެ ނަތީޖާ މި ފެންނަނީ." ޖަމީލު ވިދާޅުވި އެވެ.