އަލިމަސް އިންސްޓިޓިއުޓްގެ "ބަސްދަސް" ފޮތް ކާޑު ސެޓު ނެރެފި އެވެ.
އެ ނެރެފައި ވަނީ ދިވެހި ބަހުގެ އެކަޑަމީން އިއްޔެ ހަވީރު ހުޅުމާލޭ ރުއްގަނޑު ދޭއް ސަރަހައްދުގައި ބޭއްވި "ދިވެހިބަހުގެ ހަވީރު" ގަ އެވެ. އެ ނެރެދެއްވީ ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދެވެ.
އަލިމަސް އިންސްޓިޓިއުޓުން ބުނެފައި ވަނީ "ބަސްދަސް" އަކީ އިނގިރޭސި ބަސް ދަސްކުރުމަށް ބޭނުންކުރާ "ވޯޑް ކާޑް" އަސްލަކަށް ބަލައިގެން، ދިވެހި ބަސް ދަސްކޮށް ދިނުމަށް ފަސޭހަވާނެހެން ފަރުމާކޮށްފައިވާ އުފެއްދުމެއް ކަމަށެވެ. މިއީ ދަރިވަރުންގެ މެދުގައި ދިވެހި ބަހަށް އޮންނަ ޝައުޤުވެރިކަން އިތުރުކޮށް، މުނިފޫހިފިލުވުމުގެ ތެރެއިން ބަސް އުނގަންނައި ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދެކޭ ކަމަށް ވެސް އެތަނުން ބުންޏެވެ.
ބަސް ކާޑުތައް ޚާއްޞަކޮށްފައި ވަނީ ތަޢުލީމީ މަންހަޖުގެ ކީސްޓޭޖް 1 އަދި ކީސްޓޭޖް 2 ގެ ދަރިވަރުންނަށެވެ.
މީގެ ސަބަބުން ލަފުޒުތައް އަދާކުރުމުގެ އިތުރަށް ފިއްޔާއި އަކުރުގެ ގުޅުންތަކުންނާއި ލަފުޒުތަކާއި މަސައްކަތްތަކުން ކުދިންގެ ބަހުގެ ޝައުގު އިތުރުކޮށްދީ ކުދިން އަމިއްލަ އަށް ބަސްދަސްކޮށް ފެންވަރު ވަޒަންކުރެވޭނޭ ކަމަށް އަލިމަސް އިންސްޓިޓިއުޓުން ބުންޏެވެ.
"ބަސްދަސް" ގަންނަން ބޭނުންވާ ފަރާތްތަކުން 9126002 އަށް މެސެޖްކޮށްލައިގެން އެ ގަނެލެވޭނެ އެވެ.
ދާދި ފަހުން ދިވެހި ސްކެރަބްލް ގޭމެއް ވެސް ވެސް އަމިއްލަ ފަރާތަކުން ނެރެފައިވެ އެވެ. "ބަސްވާރު" ގެ ނަމުގައި އެ ތައްޔާރުކޮށްފައި ވަނީ ހިތަދޫ ހިރާ ސްކޫލް ހިންގަމުން އަންނަ ހިރާ ފައުންޑޭޝަނުންނެވެ.