ތެލަސީއާގެ ކުދިންތަކެއްގެ ގަޔަށް ކުނި ލޭ އެޅުނު މައްސަލައެއް ތަހުގީގު ކުރުމަށް މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީން ގޮވާލައިފި އެވެ.
އެތަނުން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ކްރޮސްމެޗްކޮށް ނިމި "ރެޑީ ޓު ޓްރާންސްފިއުސް" ލޭ ޕެކްތައް ރައްކާކުރެވިފައިވާ ފްރިޖުގެ ޓެމްޕްރޭޗަރު ޑްރޮޕްވެ، ލޭގެ ރައްކާތެރިކަން ނުކުރެވޭ ހާލަތުގައި ހުރި "ކޮމްޕްރޮމައިޒްޑް" 12 ލޭޕެކެއް ހުރި ކަމަށެވެ.
އަދި އެ ލޭ ޕެކްތައް އުކާލަން ޖެހިފައިވާކަން އެނގުނު ހިސާބުން، އެ ސޮސައިޓީން ވަނީ ކަމާބެހޭ ފަރާތްތަކާއެކު މީގެ އަދާހަމަތައް ހޯދައި، އެކަމުގައި އަޅަމުން ގެންދާ ފިޔަވަޅުތައް ވަރަށް ގާތުން ބަލަމުން ގެންގޮސްފައި ކަމަށް ބުންޏެވެ.
އަދި އެ ދުވަހު ލޭ އަޅަން ޖެހިފައިވާ 12 ކުއްޖަކަށް އެމްބީއެސް އެމްބީއެސް އިން ގުޅައި، އެ ކުދިންނަށް އަލުން ޑޯނަރުން ހޯދައި މާފަށް އެދި ވަރަށް އަވަސް ގޮތެއްގައި މިކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް އިން ފިޔަވަޅު އަޅަމުންދާ ކަމަށް މި ސޮސައިޓީއަށް އެ ފަރާތުން މައުލޫމާތު ދީފައިވާ ތެލެސީމިއާ ސޮސައިޓީން ނެރުނު ބަޔާނުގައިވެއެވެ.
ނަމަވެސް މިމަހުގެ 20 ވަނަ ދުވަހު ހެނދުނު ތިން ޕޭޝަންޓަކަށް އެ ލޭ އަޅާފައިވާކަން، އެ ސޮސައިޓީއަށް މިމަހުގެ 22 ގައި އެތަނުން އެއް ޕޭޝަންޓްގެ ބެލެނިވެރިއެއް ހިއްސާކުރި ކަމަށެވެ. އެ ހިސާބުން އެ ކަންތައް ހިނގައިދިޔަ ގޮތާއި، އެފަދަ ކަމެއް ހިނގަން މެދުވެރިވީ ސަބަބު ހޯދާ ކަމަށް ތެލެސީމިއާ ސޮސައިޓީން ބުންޏެވެ.
ތެލެސީމިއާ ސޮސައިޓީން ބުނީ އަޅާ ލެޔަކީ ރައްކާތެރި ލެޔެއްކަން ކަށަވަރު ކުރުމަށް މިވަގުތުން މި ވަގުތަށް ކުރަންޖެހޭ ކަންތައްތައް ވަރަށް ސީރިއަސްކަމާއެކު ކަމާބެހޭ އެންމެ މަތީ ފަރާތަތްކަށް އެ ސޮސައިޓީން ގެންގޮސްފައިވާ ކަމަށެވެ. އަދި އެކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށް، މިހާރު އަޅަމުން އަންނަ ފިޔަވަޅުތައް ބެލުމަށްޓަކައި އެމްބީއެސް، ހުޅުމާލެ ހޮސްޕިޓަލް އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްފަރާތްތަކާ ބައްދަލު ކުރުމުން، ތެލެސީމިއާ ސޮސައިޓީގެ ކަންބޮޑުވުންތަކާއި އެކަމުގައި އެ ކޮމިއުނިޓީގެ ފަރާތުން ދެކޭގޮތާއި، މިހާރުން މިހާރަށްވެސް އަޅަންޖެހޭ ފިޔަވަޅުތައް ހުށަހަޅާފައިވާނެ ކަމަށެވެ.
އެ ޖަމިއްޔާ އިން ވަނީ ކޮންޕްރޮމައިޒްޑް ލެޔެއް އެންމެ ކުއްޖެއް ގަޔަށްވެސް އެޅިގެން ނުވާނެ ހާލަތެއްގައި، އެ ލޭ އެޅުނު ސަބަބު ތަހުގީގުކޮށް، ވަރަށް ހާމަކަން ބޮޑު ގޮތެެއްގައި ކުރިއަށް އޮތް ތަނުގައިވެެސް އެ ކޮމިއުނިޓީއާ ހިއްސާކުރަމުން ގެންދިއުމަށް ކަމާބެހޭ ފަރާތްތަކަށް ތެލެސީމިއާ ސޮސައިޓީން ވަނީ ގޮވާލައިފަ އެވެ.
އަދި މި ވަގުތަކީ ތެލެސީމިއާ ކޮންމެ ކުއްޖަކާއި ބެލެނިވެރިއަކަށްވެސް ވަރަށް ނުތަނަވަސް ވަގުތަކަށްވާތީ، މި ވަގުތުގައި ތެލެސީމިއާ ކޮމިއުނިޓީ އިތުރަށް ނުވަތަވަސްވާނެ ފަދަ ނުރަނގަޅު މައުލޫމާތު ނުފެތުރުމަށް އެދިފައިވެ އެވެ.
ތެލެސީމިއާ ސޮސައިޓީން ބުނީ އެ ހުންނަ ފަރާތްތަކަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް، އެކަމަށް ހައްލު ހޯދައި ދިނުމަށް ކުރެވެން ހުރި އެންމެހާ މަސައްކަތްތަކެއް ކަމާބެހޭ އެންމެހާ ފަރާތްތަކާއެކު ވީހާވެސް ގާތުން ކުރަމުން ގެންދާނެކަމުގެ ޔަގީންކަން، ތެލެސީމިއާ ބަލި މީހުންނަށާއި ބެލެނިވެރިންނަށް ދޭ ކަމަށެވެ.