ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓުގެ މައްސަލައިގައި ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
މި ވޯޓު ފުރަތަމަ ގުނިއިރު ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް އަދި އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދުއަށް ލިބުނު ވޯޓު ވަނީ އެއްވަރުވެފަ އެވެ. އެއިން ކޮންމެ ކެނޑިޑޭޓަކަށް ލިބުނީ 392 ވޯޓެވެ.
ނަމަވެސް އިންތިހާބާއި ގުޅިގެން ހުށަހެޅި ޝަކުވާއަކާ ގުޅިގެން މީދޫ ކައުންސިލް ރައީސްގެ ވޯޓު ގުނުމަށްޓަކައި ސެކިއުރިޓީ އުރަ ކަނޑާ، ވޯޓު އަލުން ގުނާފައިވެ އެވެ. ވޯޓު ގުނުމުން ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނީ 391 ވޯޓެވެ. އަދި އެމްޑީއޭގެ ކެންޑިޑޭޓަށް ލިބުނީ 392 ވޯޓެވެ.
މި އިންތިހާބާއި ގުޅޭ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓްގެ ފަރާތުންނެވެ. އެ މައްސަލަ ހައިކޯޓަށް މިހާރު ވަނީ ބަލައިގެންފަ އެވެ.
ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، ކޮންމެ އިންތިޚާބަކާ ނުވަތަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ކޮންމެ އާންމު ވޯޓަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަކާމެދު ނުވަތަ އިންތިޚާބެއްގެ ނަތީޖާއަކާމެދު ނުވަތަ އިންތިޚާބާބެހޭ ކަމެއްގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހިނގައިފައިވާ ކަމަށް އެ ފަރާތަކުން ޤަބޫލުކުރާ ކަމަކާމެދު ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއަކާމެދު ގޮތެއް ނިންމައިދިނުން އެދި އެ ފަރާތަކުން ހައިކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.