Last Updated: July 13, 06:07
Monday, July 13, 2026
ޚަބަރު

ޕީއެންސީގެ ޓިކެޓް ސިނާނަށް ލިބިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޓިކެޓް، ގޮނޑި ގެއްލުނު ކުރީގެ މެންބަރު މުހައްމަދު ސިނާނަށް ލިބިއްޖެ އެވެ.

އޭނަ އަށް އެ ދާއިރާގެ ޓިކެޓް ލިބުނީ އަންނަ ޖޫން މަހުގެ 6 ގައި ބާއްވަން ހަމަޖެހިފައިވާ ބައި-އިލެކްޝަންގައި ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް މިއަދު ބޭއްވި ޕްރައިމަރީ ކާމިޔާބުކޮށްގެންނެވެ. ޕްރައިމަރީގައި ސިނާނާ ވާދަކުރެއްވީ މިހާރު ވެސް އައްޑޫގެ ކައުންސިލަރަކަށް ހުންނެވި ހިތަދޫ މޫލެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދެވެ.

ސިނާނަށް ޕްރައިމަރީގައި 226 ވޯޓު ލިބިވަޑައިގެންނެވި އިރު ސައީދަށް ލިބުނީ 199 ވޯޓެވެ.

ޕްރައިމަރީގައި ވޯޓްލީ ދެ ފޮއްޓަކަށެވެ. އެއީ ހިތަދޫ ސްކޫލްގައި ބެހެއްޓި ފޮޮއްޓާއި މާލޭގެ ކަލާފާނު ސްކޫލްގައި ބެހެއްޓި ފޮއްޓެވެ.

މާލެ ފޮށީގެ ނަތީޖާ:

* މުޙައްމަދު ސިނާން: 59 ވޯޓު
* އަހްމަދު ސައީދު: 37 ވޯޓު

– ބާތިލު ވޯޓު: 7
– ޖުމްލަ ވޯޓު: 103

ހިތަދޫ ފޮށީގެ ނަތީޖާ:

* މުޙައްމަދު ސިނާން: 167 ވޯޓު
* އަހްމަދު ސައީދު: 150 ވޯޓު

– ބާތިލު ވޯޓު: 2
– ޖުމްލަ ވޯޓު: 319

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ ދަރަނީގެ މައްސަލައެެއްގައި ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 12 ގައި ހުކުމް ކުރުމާ ގުޅިގެންނެވެ.

ގޮނޑި ގެއްލުނު ސިނާނު އަލުން އެ ގޮނޑި އަށް ވާދަކުރައްވަން ޕީއެންސީގެ ޓިކެޓް ލިބުނު އިރު، ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން އޭނައާ ވާދަކުރައްވާނީ އަައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. އޭނަ އަށް ޓިކެޓް ލިބުނީ އެ ޕާޓީގެ ފަރާތުން އިތުރު މީހަކު ކުރިމަތިލާފައި ނުވާތީ ޕްރައިމަރީއަކާ ނުލަ އެވެ.