Last Updated: July 11, 02:43
Friday, July 10, 2026
ޚަބަރު

މޯލްޑިވްސް 2.0 ސަމިޓް ހޯމަ ދުވަހު ފަށަނީ

މޯލްޑިވްސް ޑިޖިޓަލް ސަމިޓް އަންނަ ހޯމަ ދުވަހު ފަށަން ނިންމައިފި އެވެ.

މި ސަމިޓަކީ މޯލްޑިވްސް ޑިޖިޓަލް ސާވިސް (އެމްޑީއެސް) އާއި ވޯލްޑް ބޭންކް ގުޅިގެން ބާއްވާ ސަމިޓެވެ. އަދި މި ސަމިޓަކީ ރާއްޖޭގެ ޑިޖިޓަލް ފަސްޓް ނޭޝަން ޓްރާންސްފޮމޭޝަން އެޖެންޑާ ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައި ބާއްވާ ސަމިޓެކެވެ.

ހޯމްލޭންޑް މިނިސްޓްރީން ބުނީ ސަމިޓް ކުރިއަށް ދާނީ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ބާސެލޯ ނަސަންދުރައިގަ އެވެ.

ސަމިޓް ބޭއްވުމަށް އެމްޑީއެސް އާއި ޑީމެޑް ޕްރޮޖެކްޓް ޓީމުން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ އަންނަ އިރު، މި ސަމިޓަކީ 2024 ގައި ލޯންޗްކުރި މޯލްޑިވްސް 2.0 ގެ ރޯޑްމެޕްގައި ހިމެނޭ ހަރަކާތްތަކާއި، މޯލްޑިވްސް 2.0 ވިޝަން ޙާޞިލުކުރުމަށްޓަކައި މުޙިއްމު ދައުރެއް އަދާކުރާނެ ސަމިޓެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ސަމިޓަކީ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަ އިނީޝިއޭޓިވްތައް އިތުރަށް ހަރުދަނާ ކުރުމަށް ދުނިޔޭގެ ލީޑަރުންނާއި ބައިނަލްއަޤްވާމީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ބައިނަލްއަޤްވާމީ ޑިޖިޓަލް ޓްރާންސްފޯމޭޝަން އެކްސްޕާޓުން އެއްތަނަކުން ފެނިގެންދާނެ ސަމިޓެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.