އަމިއްލަ އަށް މަރުވުމަކީ (suicide) އިސްލާމްދީނުގައި ބޮޑުވެގެންވާ ފާފައެކެވެ. އިންސާނާގެ ފުރާނައަކީ މާތް ﷲ ދެއްވާފައިވާ އަމާނާތެކެވެ. އެ އަމާނާތަށް ރައްކާތެރިވުމަކީ ކޮންމެ މީހެއްގެ މައްޗަށް ވާޖިބެކެވެ. މާތް ﷲ ކީރިތި ޤުރްއާނުގައި އަމިއްލަ އަށް މަރުވުން ވަނީ ނަހީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ. "އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ. (ސޫރަތުއްނިސާ: 29) މި އާޔަތުން އެނގެނީ އިންސާނާ ކިތަންމެ ބޮޑު ތަކުލީފެއްގައި އުޅެން ޖެހުނަސް، އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމެވެ."
ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި، އަމިއްލައަށް މަރުވާ މީހާއަށް އާޚިރަތުގައި ގަދަފަދަ ޢަޛާބު ހުއްޓެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "މީހަކު އެއްޗަކުން އަމިއްލައަށް މަރުވެއްޖެނަމަ، ޤިޔާމަތް ދުވަހުން އެ އެއްޗަކުން އޭނާއަށް ޢަޛާބު ދެވޭނެއެވެ." އަމިއްލައަށް މަރުވުމަކީ ފާފަތަކުގެ ތެރެއިން ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނަމަވެސް، އެމީހަކީ ބުއްދި ސަލާމަތުން ހުރި މީހެއް ނަމަ، އޭނާ އިސްލާމްދީނުން ބޭރު ނުވާނެ ކަމަށާއި، އޭނާގެ މައްޗަށް ކަށުނަމާދު ކުރަން ޖެހޭނެ ކަމަށް ގިނަ ޢިލްމުވެރިން ވިދާޅުވެއެވެ. "ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އިލްމުވެރިންނާއި ޤަދަރުވެރިން އެފަދަ މީހެއްގެ މައްޗަށް ކަށުނަމާދު ނުކޮށް ދޫކޮށްލުމަކީ އެހެން މީހުންނަށް ދެވޭ އިބްރަތެކެވެ."
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ޙައްލުގެ ގޮތުން މިފަދަ ޚިޔާލުތަކުން ދުރުވުމަށްޓަކައި އަންނަނިވި ކަންކަން ކުރެވިދާނެ އެވެ.
* އީމާންކަން ވަރުގަދަ ކުރުން: މާތް ﷲ ގެ މިންވަރުފުޅަށް އީމާންވުމާއި، ކޮންމެ ދަތިކަމަކަށް ފަހު ފަސޭހަކަމެއް ވާނެކަން ގަބޫލު ކުރުން.
* ޒިކުރުކުރުމާއި ދުޢާ: ހާސްކަމާއި ނުތަނަވަސްކަން ކުރިމަތިވާ ހިނދު ގިނަގިނައިން ﷲ ހަނދުމަ ކުރުން.
* އެހީތެރިކަން ހޯދުން: ނަފްސާނީ ބަލިތަކަކީ (މިސާލަކަށް ޑިޕްރެޝަން) ފަރުވާ ހޯދަންޖެހޭ ބަލިތަކެކެވެ. ޑޮކްޓަރެއްގެ ނުވަތަ ކައުންސިލަރެއްގެ އެހީތެރިކަން ހޯދުމަކީ ދީނީ ގޮތުންވެސް ކުރަންޖެހޭ ކަމެކެވެ.
* އާއިލާގެ ދައުރު: ގާތް މީހުންނާ ވާހަކަދެއްކުމާއި، އެކަނިވެރި ނުވުން.
* ކެތްތެރިވުން: ދުނިޔެއަކީ އިމްތިޙާނެއްކަން ދަނެ، ކުރިމަތިވާ ގޮންޖެހުންތަކަށް ކެތްތެރިވުމަކީ ބޮޑުވެގެންވާ އަޖުރު ހުރި ކަމެކެވެ.
* އުންމީދު ކަނޑާލުން: އަމިއްލައަށް މަރުވާން އުޅުމަކީ ﷲ ގެ ރަޙުމަތުން އުންމީދު ކަނޑާލުމުގެ ނިޝާނެކެވެ. ކީރިތި ޤުރްއާނުގައި ވަނީ ކާފިރުވި މީހުން މެނުވީ ﷲ ގެ ރަޙުމަތުން އުންމީދު ކަނޑާނުލާނެ ކަމަށް އަންގަވާފައެވެ.
* އިމްތިޙާނުގެ ތަބީޢަތް: ދުނިޔެއަކީ އުފަލާއި ހިތާމައިގެ ތަނެކެވެ. މާތް ﷲ ވަނީ ބިރުވެރިކަމާއި، ބަނޑުހައިހޫނުކަމާއި، މުދަލާއި ނަފްސުތަކުގެ އުނިކަމުން އަޅުތަކުން އިމްތިޙާނު ކުރައްވާނެ ކަމަށް ވަޙީކުރައްވާފައެވެ. ކާމިޔާބު ލިބެނީ އެ އިމްތިޙާނުތަކަށް ކެތްތެރިވާ މީހުންނަށެވެ.
ނަފްސާނީ ދުޅަހެޔޮކަމާއި ދީނީ ފަރުވާ:
އަމިއްލައަށް މަރުވާން ބޭނުންވާ ގިނަ މީހުންނަކީ ނަފްސާނީ ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ މީހުންނެވެ.
އިސްލާމް ދީން މިފަދަ ކަންކަމަށް ދޭ ޙައްލުތަކަކީ:
* ދުޢާގެ ބާރު: ހާސްކަމާއި ދަތިކަމުގެ ވަގުތުގައި ކިޔުމަށް ރަސޫލާ صلى الله عليه وسلم ދަސްކޮށްދެއްވާފައިވާ ދުޢާތައް ކިޔުން. މިސާލަކަށް: "اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ وَالْحُزْنِ" މާނައީ: "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ ހިތާމައާއި ހާސްކަމުން މިއަޅާ އިބަރަސްކަލާނގެ ރަޙުމަތަށް އެދި ރައްކާތެރިކަން ހޯދަމެވެ."
* ކެތްތެރިކަން: ކެތްތެރިކަމަކީ ހަމައެކަނި ހިމޭނުން ހުރުމެއް ނޫނެވެ. އެއީ ދަތި ވަގުތުގައިވެސް ﷲ އަށް އޮންނަ އިތުބާރު ދޫކޮށްނުލައި، އެކަމުން އަރައިގަންނަން މަސައްކަތް ކުރުމެވެ.
* މެޑިކަލް ފަރުވާ: އިސްލާމްދީނަކީ ބަލިތަކަށް ފަރުވާ ހޯދުމަށް އަމުރުކުރާ ދީނެކެވެ. ނަފްސާނީ ބަލިތަކަކީ ސިކުނޑީގެ ކެމިކަލްތަކަށް އަންނަ ބަދަލަކުން ދިމާވާ ކަމަކަށް ވާތީ، ބޭސްފަރުވާއާއި ކައުންސިލިންގް ހޯދުމަކީ ދީނާ ޚިލާފު ކަމެއް ނޫނެވެ.
އަމިއްލަ އަށް މަރުވާން އުޅޭ މީހަކު ފާހަގަވެއްޖެ ނަމަ، އެހީތެރިވާނެ ގޮތް:
* ގާތްކަމާއެކު އަޑުއެހުން: އެމީހަކު ބުނަން ބޭނުންވާ ވާހަކަތައް މެދުނުކަނޑައި، ފާޑުނުކިޔައި އަޑުއަހާށެވެ.
* ސީރިއަސްކޮށް ނެގުން: "ތީ ބިރުގަންނަވާލަން ބުނާ އެއްޗެއް" ކަމަށް ބަލައި ދޫކޮށްނުލާށެވެ. ކޮންމެ ނިޝާނަކީވެސް ސީރިއަސް ކަމެކެވެ.
* އެކަނި ދޫނުކުރުން: ނުރައްކާތެރި ޚިޔާލުތަކެއްގައި ހުރި މީހަކު އެކަނި ދޫކޮށްލުމަކީ ނުރައްކަލެކެވެ.
* ޕްރޮފެޝަނަލް އެހީ: ވީހާވެސް އަވަހަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒަކަށް ނުވަތަ ހޮސްޕިޓަލަކަށް ގެންދިއުން.
މުޖުތަމަޢެއްގެ ހިސާބުން އަޅަންޖެހޭ ފިޔަވަޅުތައް:
* ތަޢުލީމާއި ހޭލުންތެރިކަން: ނަފްސާނީ ބަލިތަކަކީ "މޮޔަވުން" ނޫންކަމާއި، އެއީ ފަރުވާލިބޭ ބަލިތަކެއްކަން މީހުންނަށް އަންގައިދިނުން.
* ލޭބަލް ނުކުރުން: ނަފްސާނީ ބަލި ހުންނަ މީހުންނަކީ "އީމާންކަން ކުޑަ" ބައެއްގެ ގޮތުގައި ލޭބަލް ކުރުމުގެ ބަދަލުގައި، އެމީހުންނަށް އަޅާލުމާއި ލޯބި ދިނުން.
* މުދަލާއި ވަޞީލަތް: އަމިއްލައަށް ގެއްލުން ދިނުމަށް ބޭނުންކުރެވިދާނެ ތަކެތި "މިސާލަކަށް ބައެއް ކަހަލަ ބޭސް ނުވަތަ ނުރައްކާތެރި އާލާތްތައް" ފަސޭހައިން ނުލިބޭނެ ގޮތް ހެދުން.
އަމިއްލަ އަށް މަރުވުމަކީ އެއްވެސް މައްސަލައެއްގެ ޙައްލެއް ނޫނެވެ. އެއީ ދުނިޔޭގެ ވަގުތީ ތަކުލީފަކުން ސަލާމަތްވުމަށްޓަކައި، އާޚިރަތުގެ ދާއިމީ ޢަޛާބަށް ހުށަހެޅިގަތުމެކެވެ. ކޮންމެ މީހަކަށްވެސް އެހީތެރިކަން ބޭނުންވާނެ ވަގުތު އަންނާނެ އެވެ. އެހީއަށް އެދުމަކީ ބަލިކަށިކަ މެއް ނޫނެވެ. އެހީތެރިކަން ބޭނުން ނަމަ، ރާއްޖޭގައި ނަމަ، ހެލްޕްލައިން 1677 އަށް ގުޅައިގެން ނަފްސާނީ އެހީތެރިކަން ހޯދަން ވާނެ އެވެ.
ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.