ދުނިޔޭގެ ތާރީޚަށް ނަޒަރު ހިންގާލާއިރު، އިންސާފާއި އިސްލާހަށް މަސައްކަތްކުރާ ލީޑަރުންނަށް ގިނަފަހަރަށް ކުރިމަތިވަނީ ކޮރަޕްޓް ނިޒާމުތަކުގެ ވަރުގަދަ ގޮންޖެހުންތަކެވެ. މިފަދަ ލީޑަރުންނަކީ އަމިއްލަ އެދުމަށްވުރެ ބޮޑަށް ގައުމުގެ ލާބައާއި މަންފާއަށް އިސްކަންދޭ ބައެއް ކަމުގައިވީ ނަމަވެސް، ބާރުވެރި ފަރާތްތަކުން އެ ބޭފުޅުންގެ މަސައްކަތްޕުޅަށް ހުރަސްއަޅައި ފިއްތުންތައް ކުރިމަތިކުރެއެވެ.
މީގެ އެންމެ ފާހަގަކޮށްލެވޭ އެއް މިސާލަކީ އެމެރިކާގެ ކުރީގެ ރައީސް އަބްރަހަމް ލިންކަން އެވެ.
އޭނާ އެމެރިކާގައި އޮތް އަޅުވެތިކަން ނިމުމަކަށް ގެނައުމަށް ކުރެއްވި މިންނެތް މަސައްކަތްޕުޅުގައި ދާޚިލީ ހަނގުރާމަ އާއި، ސިޔާސީ އެތައް ހުރަސްތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. ނަމަވެސް، މިއަދު ދުނިޔެ އޭނާ ބަލައިގަންނަނީ އެމެރިކާގެ ތާރީޚު ދުށް އެންމެ ނަޒާހަތްތެރި އަދި އެންމެ ވަރުގަދަ އެއް ލީޑަރުގެ ގޮތުގައެވެ. އޭނާގެ އަޒުމާއި ހިތްވަރުގެ ސަބަބުން އެމެރިކާގެ ޑިމޮކްރަސީއަށް އާ ދިރުމެއް ލިބިގެންދިޔައެވެ.
ހަމަ އެފަދައިން، ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަލާއިރު، ރައީސް މުޙައްމަދު ނަޝީދަކީ ރާއްޖޭގައި ޑިމޮކްރަސީގެ ބިންގާ އެޅުމާއި، އިންސާނީ ހައްގުތަކާއި ތިމާވެށީގެ ހައްގުގައި ރާއްޖެއާއި، ބައިނަލްއަގުވާމީ ފެންވަރުގައި ވަކާލާތުކުރައްވާ ހިތްވަރުގަދަ ލީޑަރެކެވެ. ރާއްޖޭގައި އޮތް އެތައް އަހަރެއްވީ ޚުދުމުޚުތާރު ވެރިކަން ބަދަލުކޮށް، ރައްޔިތުންގެ ބާރުވެރިކަން އިސްކުރުމުގައި އޭނާ ކުރެއްވި މަސައްކަތަކީ ތާރީޚުގައި ރަން އަކުރުން ލިޔެވިފައިވާ ކަންކަމެވެ. ސިޔާސީ އެކި ޕްރެޝަރުތަކާއި ނުފޫޒުތަކާއިއެކު، ސަލާމަތީ ބާރުތަކުން ގެނައި ބަޣާވާތެއްގައި ވެރިކަމުން ދުރުކުރެވުނު ނަމަވެސް، އޭނާއަކީ އަދިވެސް އިސްލާހީ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ހުންނެވި ލީޑަރެކެވެ.
ރާއްޖޭގެ ޑިމޮކްރަސީ މިއަދު އޮތް ހާލަތުން އަރައިގަނެ، ނިޒާމު ހަރުދަނާކުރުމަށްޓަކައި މުޙައްމަދު ނަޝީދު ފަދަ ތަޖުރިބާކާރު އަދި އިސްލާހީ ވިސްނުމުގެ ބޭފުޅުންނަކީ އަދިވެސް ގައުމަށް މުހިންމު ބައެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. އެއީ ހަމައެކަނި ސިޔާސީ ކަމެއްގެ ގޮތުގައެއް ނޫނެވެ. ނަމަވެސް ގައުމުގައި އިންސާފު ގާއިމުކޮށް، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އޭނާގެ ހުރި ގާބިލުކަމުގެ ސަބަބުންނެވެ.

ގައުމެއްގެ ޑިމޮކްރަސީ ހަރުދަނާވަނީ އެ ގައުމެއްގެ އިސްލާހަށްޓަކައި ގުރުބާނީތަކެއް ވެފައިވާ ލީޑަރުންގެ އިރުޝާދުގެ ދަށުންނެވެ. އެހެންކަމުން، ރާއްޖޭގެ މުސްތަގުބަލަށްޓަކައި އަދި ޑިމޮކްރަސީގެ ސިފަތައް އޭގެ ފުރިހަމަ މާނާގައި ގާއިމުކުރުމަށްޓަކައި، މުޙައްމަދު ނަޝީދު އަލުން އެނބުރި ވަޑައިގެންނެވުމަށް އެންމެން އެއްބައިވަންތަވުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެކެވެ.
ރާއްޖޭގެ ސިޔާސީ ނިޒާމަށާއި އެމް.ޑީ.ޕީގެ ހިންގުމަށް މިހާރު އަރާފައިވާ ލޮޅުންތަކުން އަރައިގަނެ، ހަމަޖެހޭ އަމާން މުޖުތަމައެއް ބިނާކުރުމަށްޓަކައި މުޙައްމަދު ނަޝީދު އެމްޑީޕީގެ ޗެއާޕާސަން އަކަށް އިންތިޚާބު ކުރުމަކީ މި ވަގުތު ކުރަންޖެހިފައިވާ މުހިންމު އެއް މަސައްކަތެވެ. އަދި އެއީ ރާއްޖޭއަށް ޑިމޮކްރަސީ ގެނައުމަށް އަޅުގަނޑުމެން ފަށާފައިވާ ބުރަ މަސައްކަތް އަލުން ފަށައިގަތުމުގެ އެންމެ މުހިންމު މަރުޙަލާ އެވެ.