Last Updated: July 13, 06:07
Monday, July 13, 2026
ޚަބަރު

2028 ގެ ކުރިން ސަރުކާރު ބަދަލުކުރުން މުހިއްމު

އަންނަ ރިޔާސީ އިންތިހާބުގެ ކުރިން މި ސަރުކާރު ބަދަލުކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ހިތަދޫގައި މިރޭ ބޭއްވި "ބޮޑު ބަދަލު" ޖަލްސާގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ ޕީއެންސީގެ ވެރިކަން ކޮންމެހެން ވެސް ބަދަލުކުރަންޖެހޭ ކަމަށާއި އެ ބަދަލު ގެނެވޭނީ އެމްޑީޕީ އަށް ކަމަށެވެ. އެމްޑީޕީ އަކީ މިހާރު ހަމައެކަނި ޕާޓީއެއްގެ ބަދަލުގައި މުއައްސަސާއެއް ކަމަށާއި ޕާޓީއަށް ލިބެންޖެހޭ އެންމެ މުހިއްމު އެއް ބާރަކީ ވެރިކަން ބަދަލުކުރުމުގެ ބާރު ކަމަށްވާއިރު، އެ ބާރު ހޯދަނީ ހަމައެކަނި ޕާޓީގެ އެތެރެއަށް ބަލައިގެން ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެގޮތުން ވާދަވެރި ފަރާތްތަކަށް ފާރަވެރިވެ ތިބުން އެއީ އެންމެ މުހިއްމު މަސައްކަތް ކަމަށާއި އެ ފަރާތްތައް އެމްޑީޕީން ބޭނުންވާ މިސްރާބަށް ގެންދިޔުމަށް ޕާޓީން ކުރަންޖެހެނީ ކޮން ކަމެއްތޯ އެއީ އަބަދުވެސް އެމްޑީޕީން ކުރަމުން ގެންދަން ޖެހޭނެ ސުވާލެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"ސަރުކާރު ބަދަލުކުރުން އެއީ ވަރަށް މުހިއްމު ކަމެއް. ސަރުކާރު ބަދަލު ނުވެ 2028 ވަނަ އަހަރު އަޅުގަނޑުމެންނަށް އަތުވެއްޖެ ނަމަ އެއީ މި ދިވެހިރާއްޖެއަށް އަޅުގަނޑު ދެކޭ ގޮތުގައި ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް. އެމްޑީޕީގެ ސަރުކާރެއް އުފެއްދުމަކީ ރާއްޖޭގެ ރައްޔިތުންނަށް ކޮންމެހެން ވެސް އަޅުގަނޑުމެން ކޮށްދޭން ޖެހޭނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް އެމަނިކުފާނު ކުރިމަތިލައްވައިގެން ވާދަކުރައްވަނީ އެމްޑީޕީގެ ވެރިންނާއި ނޫން ކަމަށާއި އެމަނިކުފާނު އަބަދުވެސް ވާދަކުރައްވަނީ އިދިކޮޅު ޕާޓީއާ ކަމަށެވެ. އަދި އެމަނިކުފާނަށް އެނގިވަޑައިގަންނަވާ އެއްޗެއް އެމްޑީޕީގައި ހިއްސާވެގެން ނޫނީ މި ވެރިކަން ބަދަލުކުރުމަށް ދެވިދާނެ ކަމަށް ދެކެން ވަރަށް އުނދަގޫ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

މީގެއިތުރުން ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެމްބަރުން ވެސް އެ ޕާޓީ ދޫކޮށްލެއްވުމަށް ގޮވާލައްވާފަ އެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ތިއްބަވައިފިނަމަ ވާނެ ގޮތް ކައުންސިލް އިންތިހާބުގައި ވަރަށް ސާފުކޮށް ފެނިގެން ގޮސްފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.