Last Updated: July 13, 06:07
Monday, July 13, 2026
ޚަބަރު

އެމްޑީޕީއަށް ބޮޑު ބަދަލެއް ގެންނަންޖެހޭ، އެކަން ވާނީ ނަޝީދަށް

އެމްޑީޕީއަށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމަށާއި އެކަން ކުރެވޭނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެ އެވެ.

އައްޑޫ ހިތަދޫގައި މިރޭ ބޭއްވި "ބޮޑު ބަދަލު" ޖަލްސާގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ ރާއްޖެއަށް ހެޔޮ ބަދަލުތައް އެމްޑީޕީ ނޫން ޕާޓީއަކުން ގެނެސްފައި ނެތް ކަމަށާއި މި ބޮޑު ބަދަލަށް އެމްޑީޕީން ވަކާލާތުކޮށް، ރައްޔިތުންނަށް އުންމީދެއް ދޭން ޖެހޭ ކަމަށެވެ.

އެގޮތުން، ރައްޔިތުން ތާށިވެފައި ތިބި ތިބުމުން ނެއްޓި، ރައްޔިތުންނާ ވާހަކަ ދައްކައި، މި ސަރުކާރު ބަދަލުކުރަންޖެހޭ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

"މި ބަދަލުތައް ގެނައުމަށްޓަކައި އެމްޑީޕީއަށް ބަދަލު އެބަ ގެންނަންޖެހޭ. އެމްޑީޕީއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އެބަ ގެންނަންޖެހޭ، އެމްޑީޕީގެ ހިންގުމަށް ބަދަލުތަކެއް ގެންނަންޖެހޭ، އަދި މި ހައްސާސީ ދަނޑިވަޅުގައި އެ ބަދަލުތައް އެމްޑީޕީގެ ތެރެއިން ގެނެވޭނީ ވަރުގަދަ ޝަޚުސިއްޔަތަކަށް. އަޅުގަނޑުމެންނަށް މިވަގުތު އެކަން ކުރެވޭނެ ބޭފުޅަކަށް ހަމައެކަނި ފެންނަނީ ރައީސް މުހައްމަދު ނަޝީދު." ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ، ގައުމު މި އޮތް ހާލަތުން އަރައިގަތުމަށް ގިނަ މީހުން އިތުބާރުކުރަނީ ނަޝީދަށް ކަމަށާއި އެއްގޮތަކަށް ވެސް ޒުވާނުންނަށް ޖާގަ ނުދޭން ނޫޅުއްވާ ކަމަށެވެ. އަދި ޒުވާނުންނަށް ޖާގަ ދިނުމަކީ ކޮންމެ ކަމެއްގައި ޒުވާނުން ނަގައި އެންމެ މަތީގައި ބެހެއްޓުން ނޫން ކަމަށާއި އަދި އެއީ ކޮންމެ ހާލަތެއްގައި ކުރަންޖެހޭ ކަމެއް ނޫން ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

މިއަދުގެ މި ހާލަތަކީ ވަރަށް ހައްސާސީ ދަނޑިވަޅެއް ކަމަށާއި މިވަގުތު ވަކި ކަހަލަ ސިފަތަކެއް ހުރި މީހަކު އެމްޑީޕީއަށް ބޭނުންވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެގޮތުން ރައްޔިތުން ބަލައިގަންނަ އަދި ހުރިހާ ރައްޔިތުންނާއި ވާހަކަ ދެއްކޭނެ، ބައިނަލްއަގުވާމީ މުޖުތަމައުއާ ވާހަކަދެއްކޭނެ ވަރުގެ މީހަކަށް ވާންޖެހޭ ކަމަށާއި މި ކުރާ މަސައްކަތަކީ ރާއްޖެ ހަމަމަގަށް އަޅުވައި، ތާ އަބަދު ދަރިން މުޒާހަރާގައި ނުތިބޭނެ ގޮތެއް ހޯދުމަށްޓަކައި އެމްޑީޕީގެ ޗެއާޕާސަންކަމަށް ނަޝީދު ގެނައުމަށް ކުރާ މަސައްކަތެއް ކަމަށްވެސް ވިދާޅުވި އެވެ.