އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް 1-0 އިން ބަލިކޮށް ލީގުގެ އެއްވަނަ އަށް އާސެނަލް އަލުން އަރައިފި އެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި އާސެނަލް އޮތީ 34 މެޗުން ލިބުނު 73 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އާސެނަލަށް ވުރެ އެއް މެޗު މަދުން ކުޅެ 70 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ސިޓީ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 9 ވަނަ މިނެޓްގައި އެބެރެޗީ އެޒޭ ވަނީ އާސެނަލަށް ލީޑު ނަގައިދީފަ އެވެ. މިއީ ނިއުކާސަލްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން އެޒޭ ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފްގައި ނިއުކާސަލްގެ ވިލިއަމް އޮސޫލާ އާއި ބްރޫނޯ ގިމަރޭސް އަދި ސަންޑްރޯ ޓޮނާލީ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭގެ ބޭނުން ހިފޭގޮތް ވަނީ ނުވެފަ އެވެ.
އަދި ދެވަނަ ހާފްގައި ނިއުކާސަލްގެ ވިސާ އަށް ނަތީޖާ އެއްވަރުކޮށްދޭން މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ. އެގޮތުން އާސެނަލްގެ އޭރިއާ ތެރޭ ހުރެ ވިސާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.
ލީގުގައި އާސެނަލަށް ބާކީ ދެން އޮތީ ހަތަރު މެޗު ކަމަށްވާއިރު، އެޓީމުން ދެން ނިކުންނާނީ ފުލަމްއާ ދެކޮޅަށެވެ.