ސްޕެނިޝް ލީގުގައި ރޭ ގެޓަފޭ އަތުން 2-0 އިން މޮޅުވެ، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލަައިފި އެވެ
މި މޮޅާ އެކު، ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އަށް 33 މެޗުން 85 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 33 މެޗުން ލިބިފައިވަނީ، 74 ޕޮއިންޓެވެ.
ލީގުގައި ކޮންމެ ޓީމަކަށް ބާކީ ފަސް މެޗު އޮތްއިރު، ކުރިއަށް އޮތް ދެ މެޗުން މޮޅުވެގެން ބާސާއަށް ލީގު ހޯދުމުގެ ފުރުސަތު އެބައޮތެވެ.
ރޭގެ މެޗުގައި ބާސެލޯނާ އިން ލީޑުނެގީ 45 ވަނަ މިނިޓްގައި ފާމިން ލޮޕޭޒް ޖެހި ގޯލުންނެވެ. ދެވަނަ ހާފްގައި ވެސް ބާސާއިން ދިޔައީ ގެޓާފޭގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.
ބާސެލޯނާ އިން ދެ ވަނަ ގޯލު ޖެހީ 74 ވަނަ މިނިޓްގަ އެވެ. ގެޓަފޭ ކުޅުންތެރިން ގޯލެއް ޖަހަން އަރައި ތިބި ވަގުތުގައި، ބާސާއިން އުފެއްދި ކައުންޓަ އެޓޭކެއްގައި މި ގޯލު ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑް އެވެ.
ލީގުގައި އަންނަ ހަފްތާގައި ބާސާއިން ބައްދަލުކުރާނީ އޮސަސޫނާއާ އެވެ. އެއަށް ފަހު ދެން ބާސާ ނިކުންނާނީ ރެއާލް މެޑްރިޑާއި ދެކޮޅަށެވެ.