Last Updated: July 18, 13:50
Saturday, July 18, 2026
ޚަބަރު

ސައުދީން ދިން ކަދުރު ބަހަން ފަށައިފި

ސައުދީ އަރަބިއްޔާ އިން ދާދި ފަހުން ރާއްޖެ އަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބެހުމުގެ މަސައްކަތް ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ހަދިޔާކުރި ކަދުރު މާލެ ސަރަޙައްދުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް ދާނީ މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށެވެ.

އެގޮތުން މާލެ ސަރަޙައްދުގައި ކަދުރު ބެހުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 14 ހަމައަށް ހެނދުނު 9:30 އިން މެންދުރު ފަހު 13:00 އަށެވެ.

މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ގޭބިސީތަކަށް ކަދުރު ބަހާނީ، އެ ގޭބިސީއެއްގެ އެޑްރެސް، ކަރަންޓު މީޓަރުގެ ނަންބަރު އަދި ކަދުރާ ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ރިއާޔަތްކޮށެވެ.

ސިޓީތަކާއި ރަށްރަށުގައި ކަދުރު ބަހާނީ، އެ ސިޓީއަކަށް ނުވަތަ އެ ރަށަކަށް ކަނޑައަޅާ ކަދުރު ހުސްވަންދެން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރުގެ ރޭޓުންނެވެ. އަދި ސިޓީތަކާއި ރަށްރަށަކަށް ޢަދަދު ކަނޑައެޅޭނީ ކޮންމެ 100 ގޭބިސީއަކަށް 50 ޕެކެޓުގެ ރޭޓުންނެވެ.

ރަށްރަށާއި ސިޓީތަކަށް ކަދުރު ބެހުމަށް ހަމަޖެހިފައި ވަނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް މެދުވެރިކޮށެވެ.