ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރުގެ އަންހެން ދަރިފުޅު ނިތާރާ ބާޓިއާ އަށް އޮންލައިންކޮށް ފުރައްސާރަކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
އުމުރުން 14 އަހަރަށް އެޅިފައިވާ ދަރިފުޅަށް އޮންލައިންކޮށް ފުރައްސާރައާ ކުރިމަތިލާން ޖެހުނު ވާހަކަ އަކްޝޭ ހިއްސާކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސައިބަ ކްރައިމަށް ހޭލުންތެރިކަން މުމްބާއީގައޮ ބޭއްވި އިވެންޓެއްގަ އެވެ. އެ އިވެންޓްގައި އަކްޝޭ ބުނީ ދަރިފުޅަށް ޖިންސީ ފުރައްސާރަކުރީ އޮންލައިންކޮށް ގޭމު ކުޅެން އުޅުމުގެ ތެރޭގައި ދިމާވި މީހަކު ކަމަށެވެ.
އެގޮތުން އެ މީހާ ދަރިފުޅާ ބެހޭ މައުލޫމާތުތަކެއް ހޯދުމަށް ފަހު، ފަހުން ވަރަށް ޒާތީ މައުލޫމާތުތަކެއް ސާފުކޮށް، ދަރިފުޅުގެ ބަރަހަނާ ފޮޓޯތަކެއް ފޮނުވައި ދޭން އެދުނު ކަމަށް އަކްޝޭ ބުންޏެވެ. އޭނަ ބުނީ އެކަން އެނގުނީ، އެ މީހާއާ ކުރި މުއާމަލާތް ދަރިފުޅު ހުއްޓާލައި ހިއްސާ ކުރުމުން ކަމަށެވެ.
އަކްޝޭ މި ވާހަކަތައް ހިއްސާ ކުރުމާ ގުޅިގެން މުމްބާއީގެ ސައިބަ ކްރައިމް އިން ބަލަން ފެށި އެވެ. އަދި އިއްޔެ މުމްބާގައި އާރްޑީ ނެޝަނަލް ކޮލެޖްގައި އޮތް ސައިބް ކްރައިމަށް ހޭލުންތެރިކަން އުފެއްދުމުގެ އިވެންޓެއްގެ ތެރޭގައި މުމްބާއީ ފުލުހުންގެ ޑިރެކްޓަ ޖެނެރަލް ޔަޝާވީ ޔާދަވް ވަނީ އެ މީހުންގެ ސަމާލު ކަމަށް އަކްޝޭ ގެނައި މައްސަލައާ ގުޅިގެން މިހާރު މީހަކު ހައްޔަރުކޮށް އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެހެންވެ އަކްޝޭގެ ދަރިފުޅު މައިންބަފައިންގެ ސަމާލުކަމަށް އެކަން ގެނައި ގޮތަށް އެހެން ކުދިން ވެސް އޮންލައިން ފުރައްސާރަތަކާ ކުރިމަތިވާ ނަމަ އެކަން ވީހާ ވެސް އަވަހަކަށް އާއިލާގެ މީހުންނާއި ކަމާބެހޭ އިދާރާތަކާ ހިއްސާކުރަން ޔާދަވް އެދިވަޑައިގަތެވެ.