އެމްޑީޕީގެ ޗެއާޕާސަމންގެ މަގާމަށް ވާދަކުރައްބާ ނަޝީދާ އެކު އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އިބްރާހީމް ވަހީދު (އިބުރޭ) ކެމްޕެއިންގައި އަމަލީ ގޮތުން ބައިވެރިވާ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމު މިއަދު އެދިވަޑައިގެންފި އެވެ.
އިބްރޭ މި ވަގުތު ހުންނެވީ ނަޝީދާއި ފައްޔާޒް އިސްމާއީލާ އެކު އައްޑޫގަ އެވެ. އެ ބޭފުޅުންގެ ބޮޑު ބަދަލުގެ ތެރެއިން ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ތެރެއިން އައްޑު އަށް އައިސްފައި ވަނީ އިއްޔެ އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލް އަފޫރު މޫސާ (ގަޕޯ) އަށް މީކާއިލް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އިބުރޭ ކެމްޕެއިންގައި އުޅުއްވާކަން ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކާއި ވީޑިއޯތަކުން ސާފުވާ ކަމަށެވެ. އެހެންވެ އެތެރޭގެ އިންތިހާބަކަށް ތައްޔާރުވަމުން އަންނަ އިރު، ޕާޓީގެ މަގާމެއްގައި ހުންނަވާ ބޭފުޅަކު ވަކި ފަރާތަކަށް ޖެހުމަކީ އިންތިހާބުގެ ނަޒާހަތްތެރިކަން ގެއްލި، އެހެން ކެންޑިޑޭޓުންނަށް ނުލިބޭ ނަހަމަ ފައިދާއެއް ވަކި ކެންޑިޑޭޓަކަށް ލިބޭނެ ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ.
"އޭނާ މި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ތާއީދުކޮށް، އެ ކެންޑިޑޭޓްގެ ކެމްޕެއިނުގައި އަމަލީ ގޮތުން ބައިވެރިވުމަކީ އެހެން ކެންޑިޑޭޓުންނަށް ނުލިބޭ ފައިދާއެއް އޭނާ ތާއީދުކުރާ ކެންޑިޑޭޓަށް ފޯރުކޮށްދީ އިންތިހާބުގެ ނަޒާހަތްތެރިކަން ގެއްލިގެންދާ ކަމެއް،" މީކާއިލް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ، މިއީ އެހެން ކެންޑިޑޭޓުންނަށް ތާއީދުކުރާ އާންމު މެންބަރުންގެ ހައްގުތަކަށް އަރައިގަތުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިންތިހާބުގެ އިންސާފުވެރިކަމާ މެދު ގިނަ މެންބަރުން ސުވާލު އުފައްދަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން، ކެމްޕެއިންގެ މުއްދަތަށް އިބުރޭ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުވުމަށް ވެސް މީކާއިލް ވަނީ ގޮވާލައްވައިފަ އެވެ.
އަދި އޭނަގެ މައްސަލަ ބަލައި އަވަސް ފިޔަވަޅެއް އެޅުމަށް މީކާއީލް އެދިވަޑައިގެންފައިވެ އެވެ.

އިބުރޭ އަކީ މި މަހުގެ ކުރީކޮޅު މަގާމުން ވަކިކުރުމަށް ފަހު، ޕާޓީގެ މަސްލަހަތަށްޓަކައި އަލުން މަގާމު އިޔާދަކުރި ބޭފުޅެކެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ ނަޝީދާއި މީކާއީލްގެ އިތުރުން އަލްހާން ފަހުމީ އެވެ. ޗެއާޕަސަން ހޮވުން އޮންނާނީ ޖޫން 12 ގަ އެވެ.