ގަނާކުރުން ނުވަތަ ބުލީ ކުރުމަކީ މިއަދުގެ މުޖުތަމަޢުގައި ފެތުރެމުންދާ ވަރަށް ނުރައްކާތެރި އިޖުތިމާޢީ ބައްޔެކެވެ. މިއީ އެކަމުގެ ސަބަބުން ފަރުދުންގެ ދިރިއުޅުން ބަރުބާދުވެ، މުޅި މުޖުތަމަޢުގެ ބަދަހިކަން ގެއްލިގެންދާ ފަދަ ނޭދެވޭ އަމަލެކެވެ. ގަނާކުރުމަކީ ހަމައެކަނި ޖިސްމާނީ ގޮތުން ކުރާ އަނިޔާއެއް ނޫނެވެ. އޭގެ ތެރޭގައި ދުލުން ބުނާ ބަސްތަކާއި، މަލާމާތް ކުރުމާއި، އެކަހެރިކުރުން ފަދަ ކަންކަން ހިމެނެ އެވެ.
ދީނީ ނަޒަރަކުން ގަނާ ކުރުން:
އިސްލާމް ދީނަކީ އިންސާނާގެ ކަރާމާތާއި، އަބުރާއި، ނަފުސު ރައްކާތެރިކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާ ދީނެކެވެ. އެހެން އިންސާނަކަށް ދެރައެއް ދިނުމަކީ ނުވަތަ މަލާމާތްކޮށް ހިތުގައި ޖެއްސުމަކީ އިސްލާމީ އަޚުލާޤާ މުޅިން ޚިލާފު ކަމެކެވެ. ކީރިތި ޤުރްއާނުގެ ސޫރަތުލް ޙުޖުރާތުގެ 11 ވަނަ އާޔަތުގައި މާތްﷲ ވަނީ އެކަކު އަނެކަކަށް މަލާމާތްކުރުމާއި ހުތުރު ނަންނަމުން ގޮވުން ނަހީކުރައްވާފައެވެ.
ހަމައެހެންމެ، ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "މުސްލިމަކީ އެމީހެއްގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއެވެ." މި ޙަދީޘުން އެނގިގެންދަނީ އެހެން މީހުންނަށް އުނދަގޫވާ ފަދަ އެއްވެސް ކަމެއް ކުރުމަކީ މުސްލިމެއްގެ ސިފައެއް ނޫން ކަމެވެ. ގަނާކުރުމަކީ އަނެކާގެ ހިތުގައި ޖެއްސުން ކަމަށްވާތީ، މިއީ އާޚިރަތް ދުވަހުން ބޮޑުވެގެންވާ ޢަޛާބު ހުރި ކަމެކެވެ.
ނަފުސާނީ ނަޒަރަކުން ގަނާ ކުރުން:
ނަފުސާނީ ޢިލްމުވެރިން ބަޔާން ކުރާ ގޮތުގައި ގަނާކުރުމުގެ ސަބަބުން ލިބޭ ގެއްލުންތަކަކީ ވަރަށް ފުން، އަދި ގިނަ ދުވަހަށް ދެމިގެންދާ ކަންކަމެވެ. ގަނާގެ ޝިކާރައަކަށްވާ ކުދިންނާއި މީހުންގެ ކިބައިން ފެންނަ ބައެއް ނޭދެވޭ އަސަރުތަކުގެ ތެރޭގައި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ގެއްލުންހިމެނެއެވެ. ގަނާކުރުމުގެ ސަބަބުން އެމީހަކީ ބޭކާރު މީހެއް ކަމުގެ އިޙްސާސް ކުރެވެން ފަށަ އެވެ.
ނަފުސާނީ ބަލިތަކާއި ޑިޕްރެޝަން (މާޔޫސްކަން) އަދި އެންޒައިޓީ (ނުތަނަވަސްކަން) ފަދަ ބަލިތަކަށް މަގުފަހިވެ އެވެ.
އިޖުތިމާޢީ ގުޅުންތަކަށް ބުރޫއަރަ އެވެ. އެހެން މީހުންނަށް އިތުބާރުކުރަން އުނދަގޫވެ، މީހުންގެ ތެރެއަށް ނުކުމެ އުޅެން ޖެހިލުންވެ އެވެ.
ކިޔެވުމާއި މަސައްކަތަށް ހުރަސްއެޅެއެވެ.ސިކުނޑީގެ ހަމަޖެހުން ގެއްލުމުގެ ސަބަބުން ކިޔެވުމުގެ ނަތީޖާ ދަށްވެ، ވަޒީފާގެ މާޙައުލުގައި ވެސް ކުރިއަށް ދާން ހުރަސްތަކާ ކުރިމަތިލާން ޖެހެ އެވެ.
ނަފުސާނީ ޢިލްމުވެރިން ބަޔާން ކުރާ ގޮތުގައި، ގަނާކުރާ މީހާގެ ކިބައިގައި ވެސް ނަފުސާނީ މައްސަލަތަކެއް ހުރެދާނެ އެވެ. ގިނަ ފަހަރަށް އެހެން މީހުންނަށް ގޯނާކުރަނީ ތިމާގެ ކިބައިގައި ހުންނަ އުނިކަމެއް ފޮރުވުމަށް ނުވަތަ އެހެން މީހުންގެ މައްޗަށް ބާރު ފޯރުވުމުގެ ނިޔަތުގައެވެ.
ކަންމިހެން ހުރުމާއެކު، ގަނާކުރުމުގެ ނުބައި އާދައިން މުޖުތަމަޢު ސަލާމަތް ކުރުމަކީ އަޅުގަނޑުމެން އެންމެންގެ މަސްއޫލިއްޔަތެކެވެ. އިސްލާމީ ރީތި އަޚުލާޤާއި، އެކަކު އަނެކަކަށް އިޙްތިރާމް ކުރުމުގެ ސިފަ އަޅުގަނޑުމެންގެ ކިބައިގައި އަށަގަންނުވަން ޖެހެ އެވެ. ގަނާކުރުމަކީ ހަމައެކަނި ސަމާސާއަކަށް ކުރާ ކަމެއް ކަމަށް ދެކުމުގެ ބަދަލުގައި، އެއީ އަނެކާގެ ދިރިއުޅުން ހަލާކުކޮށްލާ ފާފައެއްގެ ގޮތުގައި ދެކެން ޖެހެ އެވެ. މުޖުތަމަޢުގެ ބަދަހިކަން އޮންނާނީ އެކަކު އަނެކަކަށް އޯގާތެރިވެ، އިޙްތިރާމްކޮށްގެންނެވެ.
ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.