Last Updated: July 11, 12:07
Saturday, July 11, 2026
ކުޅިވަރު

ޗެލްސީ އެފްއޭ ކަޕްގެ ފައިނަލަށް

ލީޑްސް ޔުނައިޓެޑް އަތުން 1-0 އިން މޮޅުވެ، ޗެލްސީން އިނގިރޭސި އެފްއޭ ކަޕްގެ ފަައިނަލުން ޖާގަ ހޯދައިފި އެވެ.

ޗެލްސީން އަންނަ މަހުގެ 16 ވަނަ ދުވަހު ކުޅޭ ފައިނަލުގައި ބައްދަލުކުރާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. މިއީ ޗެލްސީން އެފްއޭ ކަޕް ފައިނަލުގައި ކުޅޭ 17 ވަނަ ފަހަރެވެ.

ޗެލްސީގެ ވަގުތީ ކޯޗު ކަލުމް މެކްފާލޭގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޗެލްސީއަށް މެޗުގެ 23 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެންޒޯ ފެނާންޑޭޒް އެވެ. މިއީ ޕެޑްރޯ ނެޓޯ ލީޑްސްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން އެންޒޯ ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުގައި ނަތީޖާ އެއްވަރުކޮށްލަން ލީޑްސް އަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެގޮތުން ލީޑްސްގެ ފޯވާޑް ޑޮމިނިކް ކަލްވެޓް-ލެވިން އާއި ބްރެންޑަން އާރޮންސަން ފޮނުވާލި ހަމަލާތައް މަތަކުރުމުގައި މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޗެލްސީގެ ކީޕަރު ރޮބަޓް ސަންޗޭޒްގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.