Last Updated: July 12, 22:47
Monday, July 13, 2026
ޚަބަރު

އަތޮޅުތެރެއިން ފަސޭހަކޮށް ބޭސް ލިބޭނެ ގޮތް ހަދަނީ

ހެލްތު މިނިސްޓަރު ގީލާ އަލީ - ފޮޓޯ: ރައީސް އޮފީސް

އަތޮޅުތެރޭގައި ހުންނަ އެސްޓީއޯ ފާމަސީތައް މެދުވެރިކޮށް ފަސޭހައިން ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.

ބޭސް ނުލިބޭ މައްސަލަ ބޮޑުވެ، އާންމުން ޝަކުވާ ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާއިރު، ސަރުކާރުން ދާދިފަހުން ވަނީ ބޭސް އެތެރެކުރަން ހާއްސަ ކުންފުންޏެއް އުފައްދާފަ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ގީލާ ވިދާޅުވީ އެސްޓީއޯގެ ފާމަސީތައް އަތޮޅުތެރޭގެ ރަށްތަކުގައި ގާއިމުކޮށްފައިވާއިރު، އެ ފާމަސީތައް ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ބޭސް އެތެރެ ކުރުމަށް ސަރުކާރުން އުފެއްދި ހާއްސަ ކުންފުނީގެ ދަށަށް ބަދަލުކުރެވިގެންދާނެ ކަމަށެވެ.

"އެއީ މި ކުންފުނިން ގެންނަ ބޭސް އެތަންތަނުގައި ވިއްކުމަށާއި އަދި އެތަންތަނުން ލިބުން މަގުފަހިވެގެންދާނެ ކަމެއް،" ގީލާ ވިދާޅުވި އެވެ.

ގީލާ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ލިބެން ހުރި ބޭސްތައް ޑޮކްޓަރުންނަށް ވެސް ފެންނާނެ ނިޒާމެއް ގާއިމުކުރުމަށް ކަމަށާއި އެކަމަށް މިހާރު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި މިކަމަށް އަންނަން ޖެހެނީ ޖުމްލަ ހައްލެއް ކަމަށާއި މިއީ ވަކި ކަމެއް ހައްލުކޮށްގެން މުޅި ނިޒާމަށް ބަދަލެއް ގެނެވޭނެ ކަމެއް ނޫން ކަމަށާއި އެގޮތުން ހުރިހާ ކަމަކަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށްވެސް ގީލާ ވިދާޅުވި އެވެ.

ސަރުކާރުގެ ބޭސް ކުންފުނި އުފައްދާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 9 ގައެވެ.