އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވާ އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން އޮފީހެއް އައްޑޫ ފޭދޫގައި ހުޅުވައިފި އެވެ.
ފޭދޫ ބޮޑުމަގުގައި އިއްޔެ ހަވީރު އެ އޮފީސް ހުޅުވަން ބޭއްވި ހަފުލާގައި އޮފީސް ހުޅުވައި ދެއްވީ ނަޝީދެވެ. ނަޝީދުގެ ކެމްޕޭން އޮފީހެއް ފޭދޫގައި ހުޅުވީ އެމްޑީޕީގެ ކުރީގެ ޗެއާޕަސަން ފައްޔާޒް އިސްމާލާއި ނަޝީދު ބޮޑު ބަދަލުގެ ނަމުގައި ކުރިއަށް ގެންދަވާ ހަރަކާތުގެ ދަށުން އައްޑު އަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ.
ހޮނިހިރު ދުވަހު އައްޑު އަށް ވަޑައިގެން އެކިއެކި އަވަށްތަކަށް ވަޑައިގެން ބައްދަލުވުންތަކާއި ޖަލްސާތަކެއް ބޭއްވުމަށް ފަހު، ނަޝީދާއޮ ފައްޔާޒްގެ ޓީމު ރޭ ވަނީ އައްޑޫން ފުރާވަޑައިގެންފަ އެވެ.
ނަޝީދުގެ ޗެއާޕާސަން ކެމްޕޭން އޮފީހެއް ފޭދޫގައި ހުޅުވި އިރު، 2018 ގެ ނޮވެމްބަރު މަހުގެ ތެރޭގައި އެ މަނިކުފާނުގެ އޮފީހެއް ހިތަދޫގައި ހުޅުވި އެވެ. އޭރު ނަޝީދު ވިދާޅުވެފައި ވަނީ އެ އޮފީހުގެ ބޭނުމަކީ ތިމާވެއްޓާ ރަށްޓެހި ތަރައްގީ ރާއްޖެއަށް ގެންނަން ސަރުކާރަށް ފަންނީ އަދި މާލީ އެހީތެރިކަން ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރުން ކަމަށެވެ.
އެކަމަކު އެ އޮފީހުގައި އެއްވެސް ކަމެއް ނުހިނގައި އެތަން ވަނީ ފަހުން ބަންދުކޮށްފަ އެވެ.
އަންނަ ޖޫން މަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހްމަދު ނަސީމްގެ އިތުރުން ފޭދޫގެ ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީ އެވެ.