Last Updated: July 12, 22:47
Monday, July 13, 2026
ޚަބަރު

ގޮނޑި ގެއްލޭ މައްސަލައިގެ ހުކުމް ބުދަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެެއްލޭ މައްސަލައިގެ ހުކުމް އަ އަންނަ ބުދަ ދުވަހަށް ތާވަލުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލު ކުރަން ހުށަހެޅި މައްސަލާގެ އަޑުއެހުންތައް އޮތީ ނިންމައިފަ އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ ފެބްރުއަރީ 17، 2025 ގަ އެވެ. ދެވަނަ އަޑުއެހުމެއް ބޭއްވީ މި މަހުގެ 9 ގަ އެވެ.

އެހެންވެ މިހާރު ސުޕްރީމް ކޯޓުން އެ މައްސަލައިގައި ހުކުމް ކުރާ ތާވަލުކޮށްފައި އޮތީ ބުދަ ދުވަހުގެ ހެނދުނު 10:30 ގަ އެވެ.

ޕާޓީން ވަކިކުރާ ނުވަތަ ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ. އެ މައްސަލަ ނިމެންދެން، ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ނުގެއްލޭ ގޮތަށް ވަގުތީ އަމުރެއް ނެރެދޭން އަލީގެ ފަރާތުން އެދުނަސް ސުޕްރީމް ކޯޓުން ނިންމާފައި އޮތީ އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

ސުޕްރީމް ކޯޓްގައި އެ މައްސަލަ ބައްލަވަނީ އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކޯޓުގެ ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.