Last Updated: July 11, 13:48
Saturday, July 11, 2026
ދުނިޔެ

މާލީގެ ޑިފެންސް މިނިސްޓަރު އަވަހާރަކޮށްލައިފި

މާލީފެ ޑިފެންސް މިނިސްޓަރު ސާޑިއޯ ކަމާރާ އަވަހާރަކޮށްލައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނަ އަވަހާރަކޮށްލާފައި ވަނީ ހޮނިހިރު ދުވަހު ގޭގެ ކައިރީގައި ޓްރަކެއް ބާއްވައިގެން އޭގައި ތިބި މީހުން ޖަނާދުން ފިދާވެ، ގޮއްވައިގެން ދިން ހަމަލާއެއްގަ އެވެ. އަދި އެ ހަމަލާ ރާވައި އިންތިޒާމުކޮށްފައި ވަނީ ވަކިވެގަންނަ މަސައްކަތްކުރާ ހަތިޔާރު އެޅި ޖަމާއަތަކުން ކަމަށް ބުނެފައިވެ އެވެ.

އެ ހަމަލާގައި ޑިފެންސް މިނިސްޓަރު އަވަހާރަވީ ލިބިވަޑައިގަތް ޒަހަމްތަކާ ގުޅިގެން ކަމަށް މީޑިއާތަކުން ބުންޏެވެ. ނަމަވެސް އިތުރު ތަފުސީލެއް ކަމާބެހޭ ފަރާތްތަކުން ހާމައެއް ނުކުރެ އެވެ. އެކަމަކު މިނިސްޓަރު އަވަހާރަކޮށްލަން ދިން ހަމަލާގައި އޭނަގެ ގެ ގޮވުމުގެ އިތުރަށް އެ ގެ ކައިރީގައި ހުރި މިސްކިތަކަށް ވެސް ވަރަށް ބޮޑެތި ގެއްލުންތަކެއްވެ، އަޅުކަމުގައި އުޅުނު ގިނަ ބަޔަކު ވެސް މަރުވެ، އެތައް ބަޔަކު ޒަހަމްވެފައިވެ އެވެ.

މާލީގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑިފެންސް މިނިސްޓަރު އަވަހާރަކޮށްލި ޖަމާއަތުން ވަނީ އެ ގައުމުގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް އަސިއްމީ ގޮއިޓާ އަވަހަރާކޮށްލަން ވެސް ރާވައިފަ އެވެ. އެހެންވެ އޭނަ ވަނީ ރައްކާތެރި ތަނަކަށް ބަދަލުކޮށްފައިވާ ކަމަށް ބުންޏެވެ.

މާލީ އަކީ އެތެރޭގެ ހަމަނުޖެހުންތަކާއި ބައިބައިވުމުގެ ހަރަކާތްތައް ވަރަށް ބޮޑު ގައުމެކެވެ.