ބޮލީވުޑްގެ ޑައިރެކްޓަރު ސުބާޝް ގާއީ މީގެ 27 އަހަރު ކުރިން ގެނެސްދިން ކާމިޔާބު ފިލްމު 'ތާލް' ގެ ދެވަނަ ބައެއް ގެނެސްދޭނެ ކަމަށް ބުނެފި އެވެ.
މިކަމުގެ އިޝާރާތެއް މީގެ ދެތިން ހަތަރު ކުރިން އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވެސް ދީފައިވެ އެވެ. އެ ޕޯސްޓްގައި އޭނަ ބުނީ 1999 ގައި ރިލީޒްކުރި ތާލް އަކީ ޓިޕިކަލް ބޮލީވުޑްގެ ފިލްމުތަކާ ހިލާފަށް ގެނެސްދީގެން ކުރީގެ މީހުންނާއި އަދި މިހާރުގެ ޒުވާނުންނަށް ވެސް އަދިވެސް ވަރަށް ކަމުދާ ފިލްމެއް ކަމަށެވެ.
އެހެންވެ 'ތާލް' ގެ ދެވަނަ ބައެއް ހަދާނެތޯ އުފެދޭ ސުވާލު އާންމުންނަށް ދޫކޮށްލާ ކަމަށް ބުންޏެވެ.
މީގެ އިތުރު ތަފުސީލަކަށް ދަމުން ތަޖުރިބާކާރު ޑައިރެކްޓަރު ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ފާއިތުވި 15 އަހަރުގެ ތެރޭގައި ވަރަށް ގިނަ ބަޔަކު 'ތާލް 2' ގެނެސްދޭނެ އިރަކާ ބެހޭ ގޮތުން އޭނައާ ސުވާލުކޮށްފައިވާ ކަމަށެވެ.
"ދޭން އޮތް ޚަބަރަކީ މިހާރު އޭގެ ސްކްރިޕްޓް އޮތީ ގާތްގަނޑަކަށް ނިމިފައޭ. އެކަމަކު އެ ޕޮލިޝް ކުރަން އަދިވެސް ވަގުތު ބޭނުންވޭ." ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ބުންޏެވެ.
ގާއީ ބުނީ 'ތާލް' ގިނަ ބަޔަކަށް އެހާ ކަމުދިޔަ ފިލްމަކަށްވީ ފިލްމުގެ ސްކްރިޕްޓް ރަނގަޅުވުމާއި ފިލްމަށް ނެގި ކާސްޓާއި އެ މީހުންގެ މަސައްކަތްތައއް ފުރިހަމަވުމުން ކަމަށެވެ. އެހެންވެ 'ތާލް 2' އަކީ ވެސް އެފަދަ އެއްޗަކަށް ވާން ބޭނުންވާ ކަމަށް ގާއީ ބުންޏެވެ.
ބޮޑު މަގުބޫލު ކަމެއް ހޯދި ލަވަތަކެއް ވެސް ހިމެނުނު 'ތާލް' ގެ ލީޑް ތަރިންނަކީ އަނިލް ކަޕޫރާއި އައިޝްވާރިއާ ރާއީގެ އިތުރުން އަކްޝޭ ކަންނާ އެވެ. އެންމެ 15 ކްރޯޑް ރުޕީސް (1.6 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 51.16 ކްރޯޑް ރުޕީސް (5.4 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
މިހާރު އުމުރުން 81 އަހަރުގެ ގާއީ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2014 ގެ 'ކާންޗީ: ދި އަންބްރޭކަބަލް' އެވެ. އޭނަ ޑައިރެކްޓްކުރި މަޝްހޫރު ފިލްމުތަކުގެ ތެރޭގައި 'ކަރުޒް'، 'ހީރޯ'، 'ރާމް ލަކަން'، 'ކަލް ނަޔަކް' އަދި 'ޕަރްދޭސް' ހިމެނެ އެވެ.
ތާލްގެ ދެވަނަ ބައެއް ހަދަން ނިންމި އިރު، 'ކަލް ނަޔަކް' ގެ ދެވަނަ ބައެއް ހަދަން ނިންމައި އެކަން މިދިޔަ ހޮނިހިރު ދުވަހު ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ. އެކަމަކު 'ކަލްނަޔަކް ރިޓާންސް' ގެ ކްރިއޭޓިވް ޓީމްގައި ގާއީ ނުހިމެނެ އެވެެ.