Last Updated: July 18, 17:09
Saturday, July 18, 2026
ޚަބަރު

ބުލީ ހުއްޓުވަން ގާނޫނެއް ހަދަނީ

ބުލީ ކުރުން ހުއްޓުވަން ގާނޫނެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނުގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެންޓި-ބުލީން ޤާނޫން އެކުލަވާލުމުގެ މަސައްކަތް މިހާރު ސަރުކާރުން ފަށާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ބުލީ ކުރުމުގެ މައްސަލައަކީ ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިގެން ރާއްޖޭގައި އޮތް މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ޚާއްސަ ޤާނޫނެއް ސަރުކާރުން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، 2024 ޤާނޫނުލްއުޤުބާތަށް ގެނެވުނު އިސްލާހުތަކުގައި އޮންލައިންކޮށް ކުރާ އެފަދަ ޢަމަލުތައް ހުއްޓުވުމަށް ހިމަނާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"މިކަން އިތުރަށް ހުއްޓުވުމަށްޓަކައި، އަދި ޕްރިވެންޓިވް އެކި ކަހަލަ މެޝާސްތައް ލުމައްޓަކައި، މިފަދަ އަމަލްތައް ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ބުލީ ކުރުން އެއީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކަމަށް ހާއްސަ ޤާނޫނެއް، އެންޓި ބުލީ ޤާނޫނެއް ތަޢާރަފް ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި، ރައީސް ވިދާޅުވި އެވެ. އެހެންވީމަ އެ މަސައްކަތް އޭޖީ އޮފީހުން ކުރިއަށް ގެންދަވާ. ކަމާ ގުޅޭ ފަންނީ ބޭފުޅުންގެ ލަފަޔާ އެކީގައި. އެހެންވީމަ މަޝްވަރާގެ ހުރިހާ ޕްރޮސެސްއެއް ނިންމާފައި މަޖިލީހަށް ފޮނުވާނަން."

ރައީސް ވިދާޅުވީ އެ ގާނޫނު އެކުލަވާލާއިރު، ސާފުކޮށް ބުލީ ކުރުމުގެ ޢަމަލުތަކަކީ ކޮބައި ކަމާއި ޤާނޫނު ހިންގާނެ ދައިރާތައް ކަނޑައެޅިފައި ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި ތަޢުލީމު ދޭ އެކި ދައިރާތަކުގެ އިތުރުން މަސައްކަތު މާހައުލަށް ވެސް ޤާނޫނު ހިންގާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި މި ފަހުން ބުލީގެ މައްސަލަތައް އިތުރުވެ، ފުރާނަ ދުއްވައިލުމުގެ ހާދިސާތައް ވެސް ހިނގަމުންދާ އިރު، ހޯމް މިނިސްޓަފު އަލީ އިހްސާން ވެސް މިދިޔަ ހަފުތާގައި ވިދާޅުވީ ބުލީ ކުރިން ޖިނާއީ ކުށަކަށް ހަދައި، އެކަމަށް ހާއްސަ ގާނޫނެއް އެކުލަވާލުމަށްޓަކައި އެޓާނީ ޖެނެރަލް އޮފީހާ އެކު މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.