Last Updated: July 11, 13:48
Saturday, July 11, 2026
މުނިފޫހިފިލުވުން

މީރާގެ އާ ފިލްމުގައި ޕްރިޔަންކާގެ ރޯލެއް

ޑައިރެކްޓަރު މީރާ ނައިރްގެ އާ ފިލްމު 'އަމްރީ' ގެ ރޯލަކުން މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިޑް-ޑޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ބައޮގްރަފިކަލް ޑްރާމާގައި ޕްރިޔަންކާ ފެންނާނީ ހާއްސަ ފެނިލުމެއްގަ އެވެ. އަދި އެ ރޯލަށް އޭނަ ޝޫޓްކޮށް ނިންމާފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

އެކަމަކު މިކަމާ ގުޅޭ ގޮތުން މީީރާގެ ޓީމުން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

'އަމްރީ' އަކީ އިންޑިއާ ދަރިކޮޅުގެ ހަންގޭރީގެ ކުރީގެ ކުރެހުންތެރިޔާ އަމްރިތާ ޝޭރް-ގިލްގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ. މީގައި އަމްރީގެ ރޯލުން ފެންނާނީ ޒުވާން ބަތަލާ ތާނިއާ މަނިކްޓަލާ އެވެ. އޭނަ އަކީ މީރާ އާއި ބީބީސީ ގުޅިގެން 2020 ގައި ގެނެސްދިން ސީރީޒް 'އަ ސޫޓަބަލް ބޯއި' ގެ ރޯލެއް ވެސް ކުޅުނު ބަތަލާ އެވެ.

ކާމިޔާބު ފިލްމުތަކެެއް ގެނެސްދީފައިވާ އިންޑިއާ ދަރިކޮޅުގެ ޑައިރެކްޓަރު މީރާ އަކީ ނިއު ޔޯކްގެ މިހާރުގެ މޭޔަރު ޒޮހްރާން މަމްދާނީގެ މަންމަ އެވެ. މީރާ، 68، ގެނެސްދިން ފިލްމުތަކުގެ ތެރޭގައި 'ސަލާމް ބޮމްބޭ'، 'މޮންސޫން ވެޑިން'، 'ދަ ނޭމްސޭކް' އަދި 'ދަ ރިލަކްޓަންޓް ފަންޑަމެންޓަލިސްޓް' ހިމެނެ އެވެ.

މީރާގެ އެންމެ ފަހުގެ ފިލްމަކީ 2016 ގެ 'ކްއީންސް އޮފް ކަތުވޭ' އެވެ.