ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އަންހެން މުވައްޒަފަކާ ނަހަމަ ގުޅުމެއް ހިންގި ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން ދައުވާ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނާ އެކު ޖިންސީ ގުޅުން ވެސް ހިންގެވި ކަމަށް ބުނެ އަންހެނަކު ދެއްކެވި ވާހަކަތަކާ އެކު މިދިޔަ މަހުގެ ތެރޭގައި ޑޮކިއުމަންޓަރީއެއް ގެނެސްދިނީ 'އަދަދު' ނޫހުންނެވެ.
ރައީސްގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަންހެން މީހާ ކުރި ތުހުމަތުތަކާ ގުޅޭ ގޮތުން އެ ނޫހުގެ ނޫސްވެރިޔަކު ސުވާލު ކުރުމުން އެ ތުހުމަތުކުރި މީހާ އާއި ޑޮކިއުމަންޓަރީ ހެދި 'އަދަދު' އަށް ވެސް ދައުވާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އޭގައި ހުރީ ދޮގު ވާހަކަތަކެއް ކަމަށެވެ.
'އަދަދު' އިން ބުނެފައިވާ ގޮތުގައި ރައީސަށް ތުހުމަތުތަކެއް ކުރި މި މީހާއަކީ، މިދިޔަ އަހަރުގެ ކުރީކޮޅު ރައީސް އޮފީހުގެ ވަޒީފާއެއްގައި ހުރި މުވައްޒަފެކެވެ. އަދި އޭނަ އެ އޮފީހުގައި ވަޒީފާ އަދާކުރީ ހަފުތާއެއްހާ ދުވަހަށް ކަމަށް ވެސް ބުނެފައިވެ އެވެ.
ޖެނުއަރީ 13، 2025، ގައި އޭނަ ރައީސް އޮފީހުގެ ވަޒީފާއިން ވަކިކޮށް، ޖެންޑާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ ވަޒީފާއަށް ބަދަލުކޮށް، ފަހުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް ވެސް ބަދަލުކުރި ކަމަށް 'އަދަދު' އިން ބުނެފައިވެ އެވެ.