Last Updated: July 18, 17:09
Saturday, July 18, 2026
ޚަބަރު

މެންޓަލް ހޮސްޕިޓަލް އަޅާނީ ސަރުކާރުން ހަރަދުކޮށްގެން

ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން މާލޭގައި މެންޓަލް ހެލްތު ހޮސްޕިޓަލް އަޅަން ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެ ހޮސްޕިޓަލް އަޅަން ކުރިން ނިންމީ ބޭރުގެ އެހީގައި ކަމަށެވެ. އެގޮތުން ބޭރުގެ ލޯނުގެ އެހީގައި އެ މަސައްކަތް ކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް، ނަމަވެސް ލޯނު ހަމަނުޖެހި ނުފެށި ލަސްވަމުން ދިއުމާއި ރާއްޖޭގައި މެންޓަލް ހެލްތުގެ މައްސަލަ ބޮޑުވަމުންދާތީ ސަރުކާރުގެ ބަޖެޓުން އެ ހޮސްޕިޓަލް އިމާރާތް ކުރަން ނިންމީ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި މައްސަލަ [ނަފްސާނީ ސިއްހަތު] ރާއްޖޭގައި ވަރަށް ބޮޑު. އިތުރު އެހީތެރިކަމެއް ބޭނުންވާ ހިސާބަށް ގޮސްފައިވާ ބޮޑު މައްސަލައަކަށް ވާތީ އަޅުގަނޑުމެން މިހާރު މަޝްވަރާކޮށްފައި ސަރުކާރުގެ ބަޖެޓުން ސީދާ މެންޓަލް ހެލްތު ފެސިލިޓީ، ހޮސްޕިޓަލް އަޅަން ނިންމީ." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާކު ވިދާޅުވީ މިކަން އަވަސް ކުރުމުގެ ގޮތުން މެންޓަލް ހެލްތު ހޮސްޕިޓަލް ސަރުކާރުން ހަރަދުކޮށްގެން އަޅަން ނިންމާފައިވާތީ އެ މަޝްރޫއަށް ލިބޭ ލޯނު ހަމަޖެހުމުން ސިއްހީ ދާއިރާގެ އެހެން ކަމަކަށް އެ ލޯނުން ހަރަދު ކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މެންޓަލް ހޮސްޕިޓަލް މާލޭގައި އަޅަން ނިންމީ މެންޓަލް ހެލްތުގެ މައްސަލަ ނިސްބަތުން މާލެ ސަރަހައްދުގައި ގިނަވުމުން ކަމަށެވެ. އަދި ބިޑިންގެ ޕްރޮސެސްގެ ތެރެއިން ހޮސްޕިޓަލްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.