ބޮލީވުޑްގެ ޑައިރެކްޓަރު ކަރަން ޖޯހަރްގެ ފިލްމު "ކަބީ އަލްވިދާ ނާ ކެހެނާ" ވެބް ސީރީޒެެއްގެ ގޮތަށް ހަދަން ނިންމައިފި އެވެ.
ލޯބިވާ މީހާ ނުލިބުމާއި ކައިވެނިން ބޭރުން ހިންގާ ގުޅުންތަކެއްގެ ސަބަބުން އާއިލީ ގުޅުންތަކަށް ކުރާ އަސަރު ދައްކުވައި ދިން "ކަބީ އަލްވިދާ ނާ ކެހެނާ" އަކީ 2006 ގައި ރިލީޒްކުރި ފިލްމެކެވެ. ކަރަންގެ ތިން ވަނަ ޑައިރެކްޝަންގެ ގޮތުގައި ގެނެސްދިން ފިލްމުގެ މައިގަނޑު ކާސްޓުންނަކީ ޝާހްރުކް ޚާނާއި ރާނީ މުކަރްޖީ އާއި އަބީޝެކް ބައްޗަންގެ އިތުރުން ޕްރިތީ ޒިންތާ އެެވެ.
އަދި "ކަބީ އަލްވިދާ ނާ ކެހެނާ" ގައި އަމީތާބް ބައްޗަނާއި ކިރަން ވެސް ކޭރް ވެސް ހިމެނެ އެވެ.
ދަ ވީކްލީ އަށް ދިން އިންޓަވިއުއެއްގައި ކަރަން ބުނީ އެ ފިލްމުގެ ވާހަކަ ބިނާކޮށްފައި އޮތް އިޝޫ އަކީ ފިލްމު ރިލީޒްކުރި ދުވަސްވަރު އާންމުންގެ ތެރޭގައި މާ ބޮޑަށް ވާހަކަ ނުދެކެވި، އެ ވާހަކަ ދައްކަން ފަސޭހަ ވެސް ނޫން މައްސަލައެއް ކަމަށެވެ. އެހެންވެ ފިލްމަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވިކަން ފާހަގަކޮށް އޭނަ ބުނީ އަދިވެސް އެ އިޝޫގެ ވާހަކަ ދައްކަން މީހުން ޖެހިލުންވާ ކަމަށެވެ.
އެހެންވެ "ކަބީ އަލްވިދާ ނާ ކެހެނާ" ގެ ވާހަކަ ދިގު ސީރިޒެއްގެ ގޮތުގައި ހަދަން ނިންމީ އަސްލު މައްސަލައިގެ ތެރެއަށް އިތުރަށް ފީނައި، ހޭލުންތެރިކަން ވެސް އުފައްދަން ބޭނުންވާ ކަމަށް ބުންޏެވެ.
ނަމަވެސް ސީރީޒާ ގުޅޭ އިތުރު އެއްވެސް ތަފުސިލެއް ކަރަން ނުދެ އެވެ. އެހެންވެ އެ ޑައިިރެކްޓް ކުރާނީ ކާކުކަމާއި ކާސްޓުންނަކީ ކޮބައި ކަމެއް ވެސް ނޭނގެ އެވެ.
"މި ވަގުތު އިތުރު އެއްވެސް ތަފުސީލެއް ދެވޭކަށް ނެތް. އެކަމަކު ވަރަށް އަވަހަށް ސީރީޒް ގެނެސްދޭން ފަށާނަން." ކަރަން ބުންޏެވެ.
ކަރަން އަކީ ބޮލީވުޑްގެ ޑައިރެކްޓަރުންގެ ތެރެއިން އެންމެ ކާމިޔާބު އެކެކެވެ. "ކުޗް ކުޗް ހޯތާ ހޭ" ގެނެސްދީގެން 1998 ގައި ގިނަ ބައެއްގެ ސަމާލުކަން ހޯދި ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ 2023 ގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.
ކަރަންގެ "ކަބީ އަލްވިދާ ނާ ކެހެނާ" ސީރީރެއްގެ ގޮތުގައި ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، އޭނަގެ 2012 ގެ ފިލްމު "ސްޓޫޑެންޓް އޮފް ދި އިޔާ" ގެ ދެވަނަ ބައެއް އެހެން ޑައިރެކްޓަރަކު 2019 ގައި ގެނެސްދީފައިވެ އެވެ. އަދި ކަރަންގެ ދަރުމާ އިން މިހާރު ނިންމާފައި އޮތީ "ސްޓޫޑެންޓް އޮފް ދި އިޔާ" ގެ ތިން ވަނަ ބައި ވެބް ސީރީޒެއްގެ ގޮތުގައި ގެނެސްދޭށެވެ.