Last Updated: May 4, 17:56
Sunday, May 4, 2025
ޚަބަރު

ކުރީގެ ޕީޖީ މުހުތާޒްގެ މައްޗަށް ޓެރަރިޒަމް ދައުވާ އުފުލައިފި

ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިން -- ވީފައިލް ފޮޓޯ

ރައީސް އަބުދުﷲ ޔާމީން ހައްޔަރު ކުރުމަށް ސައްހަ ނޫން އަމުރެއް ތައްޔާރު ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒު މުހުސިންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން މިއަދު އަމުރު ކޮށްފިއެވެ.

މުހުތާޒްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާގެ އިތުރުން އެހެން ދެ ދައުވާ އެއްވެސް އުފުލާފައެވެ. އެހުރިހާ ދައުވާއެއްގެ ޝަރީއަތް މިއަދު ވަނީ ކޯޓުގައި ފަށާފައެވެ.

މުހުތާޒުގެ މައްޗަށް އުފުލާފައިވާ އަނެއް ދެ ދައުވާއަކީ ވަކި އުސޫލަކުން ދޫކޮށްފައިވާ ލިއުމެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމުގެ ދައުވާއާއި، ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދެއްކުމައްޓަކައި ލިއުމެއް އުފެއްދި ކަމުގެ ދައުވާއެވެ.

މިއަދު އޮތް އަޑުއެހުމުގައި މުހުތާޒުގެ މައްޗަށް ތިން ދައުވާ އިއްވުމުން އޭނާ ވަނީ ތިން ދައުވާއަށް ވެސް އިންކާރު ކުރައްވާފައެވެ. އަދި ވަކީލަކު އަންޔަން ކުރުމަށް ފުރުސަތަކަށްވެސް މުހުތާޒު ވަނީ އެދިވަޑައިގަންނަވާފައެވެ. ގާޒީ ވަނީ އޭނާއަށް ވަކީލަކު އަންޔަން ކުރުމަށް ހަތް ދުވަހުގެ މުހުލަތެއް ދީފައެވެ.

ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެނަމަ ދިގު މުއްދަތަކަށް ޖަލަށް ލާނެއެވެ.

މުހުތާޒް އަކީ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރަން ފޮނުއްވި ބޭފުޅާއެވެ.