ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމަށް ތާއީދުކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ 10 މެންބަރަކު ވަނީ މީކާއީލަށް ފުރިހަމައަށް ތާއީދުކުރައްވާކަން ރަސްމީކޮށް އިއުލާން ކުރައްވާފަ އެވެ.
މީކާއީލަށް ތާއީދުކުރައްވާކަން ހާމަކުރެއްވި މެންބަރުންގެ ތެރޭގައި އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްގެ އިތުރުން މަޖިލީހުގެ އިސް މެންބަރުންތަކެއް ހިމެނިވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް، މާވަށް ދާއިރާގެ މެންބަރު އަހުމަދު ޝާކިރު، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު، ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހިމެނިވަޑައިގަންނަވަ އެވެ.
މެމްބަރު މީކާއިލާ އެކު ދެން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އަލްހާން ފަހުމީ އެވެ.
އެގޮތުން ނަޝީދު ގެންދަވަނީ "ބޮޑު ބަދަލު"ގެ ނަމުގައި ކެމްޕެއިނެއް ފަށައި، ރަށްތަކަށް ވެސް ދަތުރުކުރައްވަމުންނެވެ.