Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

އާޒިމަށް ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

މާލޭގެ މޭޔަރު އާދަމް އާޒިމް ގައިގައި ޖެހި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ކ. މާލެ، ގ. އީރީ، އަބްދުﷲ މުއާޒް، 35، އެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ކޯޓު އަމުރުގައި ބުނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން ސީސީޓީވީ ސްނެޕް ޝޮޓްތަކާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ހައްޔަރުކުރި ފުލުހުންގެ ބަޔާންތައް ހުށަހަޅާފައިވެ އެވެ.

ތުހުމަތު ކުރެވޭ މީހާ ބުނީ މޭޔަރު ކައިރިއަށް ދިޔައީ ވާހަކަ ދެއްކުމަށް ކަމަށާއި އޭނާއާމެދު މާރާމާރީ ހިންގީ މުޒާހަރާގެ ބައިވެރިން ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހާއަކީ ހައްޔަރާއި ބަންދު ރެކޯޑު އޮންނަ މީހެކެވެ.