Last Updated: July 11, 13:48
Saturday, July 11, 2026
ރިޕޯޓް

ފައްޔާޒް: ކެރޭ، ހުށިޔާރު ލީޑަރެއް

އަލް އުސްތާޒް ފައްޔާޒް އިސްމާޢީލަކީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިއަދު ފާހަގަކޮށްލެވޭ ފަންނުވެރި، ހިތްވަރުގަދަ އަދި އެހާމެ ދުރުވިސްނޭ ޝަޚްޞިއްޔަތެކެވެ. ސިޔާސީ އަދި ޢިލްމީ ގޮތުން ނަންހިނގާފައިވާ އާއިލާއަކުން އުފަންވި ފައްޔާޒަކީ، ރާއްޖޭގެ ވެރިކަން ހިންގުމުގެ އެންމެ އިސް ސަފުގައި މަސައްކަތް ކުރެއްވުމުގެ ފެންވަރާއި ޤާބިލުކަން ހުރި ބޭފުޅެކެވެ.

ފައްޔާޒަކީ މަތީ ތަޢުލީމް ޙާސިލްކުރައްވައިގެން ހުންނެވި ޤާނޫނީ ވަކީލެކެވެ. ޤައުމެއްގެ އިސްވެރިއެއްގެ ކިބައިގައި ޤާނޫނީ ފަންނަކީ ހުރުން ލާޒިމު ސިފައެކެވެ. ސަބަބަކީ، ޤާނޫނީ އިމުގެ ތެރެއިން، ޗާޓުން ބޭރުނުވެ، ހެޔޮ ވެރިކަމަކަށް މަގުދައްކައިދެވޭނީ ޤާނޫނު އަސާސީއާއި ޤަވާޢިދުތަކަށް އަހުލުވެރިވެފައިވާ، އެކަމުގެ ޢިލްމު ހުރި ބޭފުޅަކަށް ކަމަށްވާތީއެވެ.

ފައްޔާޒުގެ ކެރުމާއި، ކަންކަމާ ކުރިމަތިލެއްވުމުގައި ގެންގުޅުއްވާ ނުގުޑާފަދަ އަޒުމަކީ، ގިނަ ރައްޔިތުންގެ މެދުގައި އޭނާއަށް އޮތް މަޤުބޫލުކަން އިތުރުކޮށްދިން މައިގަނޑު ސިފަތަކެވެ.

އެމްޑީޕީގެ ދިގު ތާރީޚަށް ބަލާއިރު، އެއްވެސް ބޭފުޅަކަށް ކުރިމަތިލައްވަން ނުކެރުނު ފަދަ ތާރީޚީ ގޮންޖެހުންތަކާ ފައްޔާޒު ކުރިމަތިލެއްވީ ނުހަނު ކެރިގެންނެވެ. އެގޮތުން، އެމްޑީޕީގެ އެންމެ ވަރުގަދަ ލީޑަރު ރައީސް މުޙައްމަދު ނަޝީދަށް ގޮތް ހުސްވީ ފައްޔާޒާ ޖެހިވަޑައިގަތުމުންނެވެ.

ދުނިޔެއަށް ކުރިމަތިވި ބޮޑު އިޤްތިޞާދީ ތަދުގެ ތެރޭގައި ރާއްޖެ އޮތް ދަނޑިވަޅެއްގައި، ޕާޓީގެ އެތެރެއިން އައި ސިޔާސީ ތޫފާނުން ސަރުކާރާއި ޕާޓީ ހިމާޔަތްކޮށް މަތަކުރެއްވީ ފައްޔާޒުގެ ދުރުވިސްނުމާއި ހުށިޔާރުކަމުންނެވެ. އެފަދަ ހައްސާސް ދަނޑިވަޅެއްގައި އޭނާ ދެއްކެވި ލީޑާޝިޕްގެ ސަބަބުން، ވާދަވެރިންނަށް ޖެހުނީ ފަހަތަށް ޖެހޭށެވެ. މިކަމުގެ ސަބަބުން ސިޔާސީ ވާދަވެރިން އޭނާއާ ދެކޮޅަށް ތަފާތު "ލޭބަލްތައް" ޖަހައި، ނުބައި ނުލަފާ މީހެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، އެއީ މިއަދު މާޒީ އެވެ.

ފައްޔާޒު މިއަދު ހުންނެވީ މާޒީގެ ފަހަތުން ދުވުމުގެ ބަދަލުގައި، މުސްތަޤުބަލަށްޓަކައި ރާއްޖެ އިޞްލާޙު ކުރުމުގެ ކަމަރު ބަނދެގެންނެވެ. ދާދިފަހުން އޭނާ އައްޑޫ ސިޓީއަށް ކުރެއްވި ޒިޔާރަތުގައި އަޅުގަނޑާ ދެއްކެވި ވާހަކަތަކުން އޭނާގެ ހިތްތިރިކަމާއި ޙަޤީޤަތް ޤަބޫލުކުރާ މިންވަރު ހާމަވިއެވެ.

އޭނާ ވިދާޅުވީ، "އެމްޑީޕީއަށް މިއައި ލޮޅުންތަކުގައި އަޅުގަނޑަށް އެއްކަމެއް ޔަގީން ކުރެވިއްޖެ، އެއީ މުޅި ރާއްޖޭގައި ވެސް ރައްޔިތުންގެ އެންމެ ބޮޑު ލޯތްބެއް ހޯއްދަވައިގެން ހުންނެވި ލީޑަރަކީ ހަމަ މުޙައްމަދު ނަޝީދު" ކަމަށެވެ. އަދި 2023 ގެ އިންތިޚާބު އެމްޑީޕީއަށް ގެއްލިގެން ދިޔައީ އޭރު ރައީސް ނަޝީދާ ދޭތެރޭ ކަންކުރެވުނު ގޮތުން ކަމަށާއި، މުސްތަޤުބަލުގައި އެމްޑީޕީއަށް ވެރިކަމަށް އާދެވޭނީވެސް ނަޝީދު ބައިވެރިކޮށްގެން ކަމަށް އޭނާ އިޢުތިރާފުވެވަޑައިގަތެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަޙަށް ހެޔޮ ބަދަލުތަކެއް ގެނެސް، ހަރުދަނާ ވެރިކަމެއް ޤާއިމުކުރުމަށްޓަކައި ރައީސް މުޙައްމަދު ނަޝީދާއެކު ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަމުގައި ފައްޔާޒު އިސްމާޢީލް ގަބޫލުފުޅު ކުރައްވައެވެ. މިއީ މިއަދުގެ ޙަޤީޤަތެވެ.

އެހެންކަމުން ޤައުމު ބަދަލުކުރުމަށް އިސްނަންގަވައި ވަކާލާތުކުރައްވާ ހިތްވަރުގަދަ ލީޑަރެއްގެ ގޮތުގައި ރައީސް ނަޝީދު ފާހަގަކުރެވޭއިރު، ފައްޔާޒު ފަދަ ހުށިޔާރު ސިޔާސީ ބޭފުޅަކު އެމަނިކުފާނާއެކު މަސައްކަތް ކުރެއްވުމަށް ނިންމެވުމަކީ ޤައުމުގެ މުސްތަޤުބަލަށް އޮތް އުއްމީދީ ފާލެކެވެ.