ޤަޒުފުކުރުމަކީ (މީހެއްގެ އަބުރަށް އަރައިގަނެ، ޒިނޭގެ ތުހުމަތު އެޅުވުމަކީ) އިސްލާމް ދީނުގައި ނުހަނު ބޮޑުވެގެންވާ ފާފައެކެވެ. މިއީ މުޖުތަމައުގެ މަސްލަހަތު ގެއްލި، އާއިލާތަކުގެ އަބުރު ކަތިލެވެގެންދާ ކަމަކަށްވާތީ، ޝަރީޢަތާއި ޤާނޫނުގައި މިކަމަށް ބޮޑެތި އަދަބުތަކެއް ކަނޑައެޅިފައިވެއެވެ. ޤަޒުފުކުރުމުގެ ނުބައިކަން ތިރީގައިވާ ބައިތަކުން ސާފުވެ އެވެ.
ޤަޒުފުކުރުމުގެ ކުށަކީ އިސްލާމީ ފިޤުހު އިލްމުވެރިންގެ ނަޒަރުގައި "މަޤާޞިދުއް ޝަރީޢާ" ނުވަތަ ދީނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ "ނަސްލާއި އަބުރު ހިމާޔަތްކުރުން" މި އަސާސާ ސީދާ ގުޅިފައިވާ ކަމެކެވެ.
ޢިލްމުވެރިން ޤަޒުފު މާނަކުރައްވަނީ: "ޒިނޭގެ ތުހުމަތުން ނުވަތަ ނަސަބު ނަފީކުރުމުގެ ގޮތުން މީހަކަށް ބަހެއް ބުނުން" ކަމަށެވެ. މީގެ ތެރޭގައި ސީދާ ބަހުން ބުނުމާއި، އިޝާރާތުން ނުވަތަ ދޭހަވާ ގޮތަށް ބުނުންވެސް ހިމެނެއެވެ.
1. ކީރިތި ޤުރްއާނުގެ އަލީގައި:
ކީރިތި ޤުރްއާނުގައި ޤަޒުފުކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައިވެސް ލައުނަތްލައްވާފައިވާކަން ބަޔާންކުރައްވާފައިވެއެވެ. ސޫރަތުއް ނޫރުގެ 23 ވަނަ އާޔަތުގައިވެއެވެ. ﴿إِنَّ الَّذِينَ يَرْمُونَ الْمُحْصَنَاتِ الْغَافِلَاتِ الْمُؤْمِنَاتِ لُعِنُوا فِي الدُّنْيَا وَالْآخِرَةِ وَلَهُمْ عَذَابٌ عَظِيمٌ﴾ މާނައީ: "ހަމަކަށަވަރުން، عفة ތެރި، غفلة ތެރި (އެބަހީ: ފާފަކުރުމުގެ خيال ވެސްނެތް) مؤمن އަންހެނުންނަށް قذف ކުރާ މީހުންނަށް، ދުނިޔެއާއި، آخرة ގައި لعنة ލައްވާފައިވެއެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ." މީގެ އިތުރުން، ޤަޒުފުކުރާ މީހުންގެ މައްޗަށް 80 އެތިފަހަރުން ޙައްދު ޖެހުމަށާއި، އެމީހުންގެ ހެކިބަސް ދުވަހަކުވެސް ގަބޫލުނުކުރުމަށް ޤުރްއާނުގައި އަމުރުކުރައްވާފައިވެއެވެ.
2. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގެ އަލީގައި:
ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ހަލާކުކޮށްލަނިވި ހަތް ފާފައެއްގެ (الموبقات السبع) ތެރޭގައި ޤަޒުފުކުރުން ހިމަނުއްވާފައެވެ. އެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ތިޔަބައިމީހުން ހަލާކުކޮށްލަނިވި ހަތް ފާފައަކުން ދުރުހެލިވާށެވެ!" އޭގެ ތެރޭގައި "ފާފައަކުން ބަރީއަވެގެންވާ މުއުމިނު އަންހެނުންނަށް ޤަޒުފުކުރުން" އެކަލޭގެފާނު ހިމެނުއްވިއެވެ. (ބުޚާރީ އަދި މުސްލިމް)
3. ޢިލްމުވެރިންގެ ބަސްފުޅުތައް:
ޢިލްމުވެރިން އިއްތިފާގުވެވަޑައިގަންނަވާ ގޮތުގައި ޤަޒުފަކީ ބޮޑެތި ފާފަތަކުގެ (الكبائر) ތެރެއިން ހިމެނޭ ކަމެކެވެ.އިމާމް ނަވަވީ، ވިދާޅު ވަނީ ޤަޒުފު ކުރުމަކީ އިންސާނާގެ އަބުރަށް އަރައިގަތުން ކަމަށާއި، އެއީ މުޖުތަމައުގައި ފިތުނަ އުފެދިގެންދާ ކަމެއް ކަމަށެވެ.
ޢިލްމުވެރިންގެ ނަޒަރުގައި ޤަޒުފުކުރާ މީހާ ތައުބާވި ނަމަވެސް، އޭނާގެ ހެކިބަސް ގަބޫލުކުރުމާ މެދު އިލްމުވެރިންގެ މެދުގައި ޚިލާފުތަކެއް ހުރެއެވެ. މިއީ އެކަމުގެ ނުބައިކަން ބޮޑުކަމުންނެވެ.
4. ޤާނޫނީ ގޮތުން (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)
ދިވެހި ރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ޤަޒުފުކުރުމަކީ ކުށެކެވެ. އިސްލާމީ ޝަރީއަތުގައިވާ ފަދައިން، ރާއްޖޭގެ ގާނޫނުގައި ވެސް މިކަމަށް އޮންނަނީ "ޙައްދު" އެވެ.
އަދަބު: ޤަޒުފުގެ ކުށް ސާބިތުވެއްޖެ މީހެއްގެ މައްޗަށް 80 އެތިފަހަރުން ޖަލްދުކުރުން (ބުރަކަށީގައި ތެޅުން) ޙައްދު ގާއިމު ކުރަންޖެހެ އެވެ.
ޝަރުތު: ޤަޒުފުގެ ދައުވާ ސާބިތުކުރުމަށްޓަކައި، އެ ތުހުމަތު ކުރި މީހަކު އެކަން ސާބިތުކޮށްދޭން ޖެހޭނެއެވެ. ސާބިތުކޮށްނުދެވިއްޖެނަމަ، އޭނާގެ މައްޗަށް ޙައްދު ހިނގާނެއެވެ.
ޚުލާސާ: ޤަޒުފު ކުރުމަކީ ހަމައެކަނި ދުލުން ބުނެލާ ބަހެއް ނޫނެވެ. އެއީ:
އާޚިރަތުގައި: ބޮޑުވެގެންވާ އަޒާބު ހުރި ކަމެކެވެ.
ދުނިޔޭގައި: 80 އެތިފަހަރުގެ ޙައްދުޖެހި، އެފަދަ މީހުންގެ އިތުބާރު ގެއްލިގެންދާ (ހެކިބަސް ގަބޫލު ނުކުރެވޭ) ކަމެކެވެ.
މުޖުތަމައު ފާސާދުވުން ހުއްޓުވުން: ހެއްކެއް ނެތި ތުހުމަތު ކުރުމުގެ ދޮރު ހުޅުވިއްޖެނަމަ، މީހުންގެ މެދުގައި އޮންނަ އިތުބާރު ގެއްލި، ބަދަލުހިފުމުގެ ރޫހު އުފެދޭނެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ "البيّنة أو حدّ في ظهرك" މާނައީ: "ހެކި ދައްކާށެވެ! ނޫން ނަމަ ތިބާގެ ބުރަކަށީގައި ޙައްދު ޖެހޭނެ އެވެ." މިއީ އިސްލާމީ އަދުލުގެ ނިޒާމުގައި އަބުރު ހިމާޔަތްކުރުމަށް އޮތް ވަރުގަދަ އުސޫލެކެވެ.
ޒަމާނީ ވަސީލަތްތަކުން ކުރެވޭ ޤަޒުފު:
މިއަދުގެ ޢިލްމުވެރިން ފާހަގަ ކުރައްވާ ގޮތުގައި، ސޯޝަލް މީޑިއާ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން މީހުންގެ އަބުރަށް އަރައިގަނެ، ޒިނޭގެ ތުހުމަތުކުރުމަކީވެސް ހަމަ ޤަޒުފުގެ ތެރޭގައި ހިމެނޭނެ ކަމެކެވެ. މިފަދަ ޕޯސްޓްތައް ލިޔާ މީހުންނާއި، އެ ޝެއާކުރާ މީހުންވެސް މި ނުރައްކާތެރި ފާފައަށް ހުށަހެޅިގެންދާނެ އެވެ.
ނިންމުން: ޤަޒުފުގެ ނުބައިކަން ބޮޑީ އެކަމުގެ ސަބަބުން މީހެއްގެ މުޅި ދިރިއުޅުން ހަލާކުވެ، އާއިލާ ރޫޅި، އަދި މުޖުތަމައުގައި އޮންނަން ޖެހޭ އަމާންކަން ގެއްލިގެންދާތީ އެވެ. އިސްލާމީ ޝަރީޢަތުން މިކަމަށް ހަރުކަށި އަދަބު ކަނޑައަޅާފައި ވަނީ އިންސާނީ ކަރާމާތް ހިމާޔަތް ކުރުމުގެ މަތިވެރި މަގުސަދުގަ އެވެ.
ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.