Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

މަރަދޫ ޕޮލިސް ޕޯސްޓް އަޅަން ބިން ހަވާލުކޮށްފި

އައްޑޫ މަރަދޫގައި އިމާރާތް ކުރަން ޖެހިފައިވާ ޕޮލިސް ޕޯސްޓް އަޅަން ބިން ހަވާލުކޮށްފި އެވެ.

މަރަދޫ އަވަށު އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ބިން ހަވާލު ކުރުމުގެ އެއްބަސްވުން ފުލުހުންނާ ހަވާލުކުރީ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު އެވެ. ފުލުހުންގެ ފަރާތުން ބިމުގެ އެއްބަސްވުމާ ހަވާލުވެވަޑައިގަތީ އައްޑޫ ސިޓީ ކޮމާންޑަރު ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު މަސްޢޫދެވެ.

އެ ރަސްމިއްޔާތުގައި މަރަދޫ އަވަށު އޮފީހުގެ މުވައްޒަފުންނާއި ފުލުހުން ބައިވެރިވެފައިވެ އެވެ.

މަރަދޫ ޕޮލިސް ޕޯސްޓް އަޅަން ހަވާލުކޮށްފައި ވަނީ އެމްލޮގް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑު އަށް ކުރެއްވި ދަތުރުގައިގައި އައްޑޫ ރައްޔިތުންމާ ބައްދަލު ކުރަން ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގައި ބޭއްވި ޖަލްސާގަ އެވެ.

މަރަދޫ ޕޮލިސް ޕޯސްޓް މަޝްރޫއުގެ އެއްބަސްވުމުގައި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީނެވެ. އެމްލޮގްޑުގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޑިރެކްޓަރު ޙައިޝަމް ޢަލީ އެވެ.

މަރަދޫގައި ޕޮލިސް ޕޯސްޓެއް އިމާރާތް ކުރަން ނިންމި އިރު، މިހާރު އައްޑޫގައި ޕޮލިސް ސްޓޭޝަންތައް ހުންނަނީ ހިތަދު އާއި ގަމުގެ އިތުރުން ހުޅުމީދޫގަ އެވެ. ގަން ޕޮލިސް ސްޓޭޝަން ހާއްސަކޮށްފައި ވަނީ ފޭދު އާއި މަރަދޫފޭދުއަށެވެ.

ފޭދޫގައި ޕޮލިސް ސްޓޭޝަނެއް އިމާރާތް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ މަޝްރޫއަކީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެށި މަޝްރޫއެކެވެ.