Last Updated: July 12, 22:47
Monday, July 13, 2026
ޚަބަރު

ރާއްޖެއަށް ބަދަލު ގެނެވޭނީ ނަޝީދު އެމްޑީޕީއާ ހަވާލުވެގެން

ރައީސް ނަޝީދާއި ފައްޔާޒު އިސްމާއިލް

ރާއްޖެއަށް ބަދަލު ގެންނަން ކުރާ މަސައްކަތް ކާމިޔާބުވާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާ ހަވާލުވެގެން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދުގެ ކެމްޕެއިންގެ ތެރެއިން ގަލޮޅު ކަންމަތީގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ މި ބަދަލު ގެނައުމަށްޓަކާ އެމްޑީޕީގައި މަގުބޫލު އަދި ބާރުގަދަ ލީޑަރެއް ހުންނަތަން ފެންނަން ބޭނުންވާ ކަމަށާއި މިއީ ރާއްޖެއަށް ވަރަށް ނާޒުކު ވަގުތެއް ކަމަށްވާއިރު، މިވަގުތު އެމްޑީޕީއަށް ކޮށްދެވޭނެ އެންމެ މުހިއްމު ކަމަކީ ޕާޓީ ވަރުގަދަކޮށް ނިކުތުން ކަމަށެވެ.

އެގޮތުން ނަޝީދުގެ އަތުގައި ހިފައިގެން އެމަނިކުފާނާއެކު ނިކުމެ ހުންނެވީ ރާއްޖެ ބަދަލުކުރުމަށް ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

"އެމްޑީޕީގައި މިވަގުތު ރައީސް ނަޝީދު ހަވާލުވެގެން ނޫނިއްޔާ އަޅުގަނޑުމެން ދިވެހިރާއްޖެ ބަދަލުކުރަން މިދާ ދިޔުމުގައި، އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. ތަޖުރިބާގެ އަލީގައި އަޅުގަނޑު މި ވާހަކަ މި ދަންނަވަނީ،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމަށް ނަޝީދާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީ އެވެ.

މެމްބަރު މީކާއިލް ގެންދަވަނީ "އިތުބާރު"ގެ ނަމުގައި ޗެއާޕާސަންގެ ކެމްޕޭން ކުރިއަށް ގެންދަމުންނެވެ.