ރައީސް މުހައްމަދު މުއިއްޒު ކައިވެނީގެ ބޭރުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް 'އަދަދު' ނޫހުން ހެދި ޑޮކިއުމެންޓްރީގެ މައްސަލައިގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ ޕާސްޕޯޓު މިރޭ ހިފަހައްޓައިފި އެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިރޭ ވަނީ "އަދަދު" ނޫހުގެ އޮފީސް ބަލައި ފާސްކުރުމަށްފަހު ބައެއް ތަކެތި ގެންގޮސްފަ އެވެ.
ފިޔާޒުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ އަދަދު ނޫހުން ގެނެސްދިން 'އައިޝާ' ޑޮކުމެންޓްރީގައި "ރައީސް މުއިއްޒުއާ ގުޅޭ ގޮތުން ގިނަ ތުހުމަތުތަކެއްކޮށް ގަޒުފްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ"އިގަ އެވެ. އެ މައްސަލައިގައި ފިޔާޒުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ، އޭނާ "ރާއްޖެއިން ފުރައިގެން ގޮސްދާނެ ކަމަށް ބެލެވޭތީ" ފުރުން މަނާ ކުރަނީ ކަމަށް އަމުރުގައި ބުނެ އެވެ.
ޕާސްޕޯޓު ހިފަހައްޓާފައި ވަނީ، ތިން މަސް ދުވަހުގެ މުއްދަތަކަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންހެން މީހާ ކުރި ތުހުމަތުތަކާ ގުޅޭ ގޮތުން އެ ނޫހުގެ ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް މުއިއްޒު ވަނީ އެ ތުހުމަތުކުރި މީހާ އާއި ޑޮކިއުމަންޓަރީ ހެދި 'އަދަދު' އަށް ވެސް ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ އޭގައި ހުރީ ދޮގު ވާހަކަތަކެއް ކަމަށެވެ.
'އަދަދު' އިން ބުނެފައިވާ ގޮތުގައި ރައީސަށް ތުހުމަތުތަކެއް ކުރި މި މީހާއަކީ، މިދިޔަ އަހަރުގެ ކުރީކޮޅު ރައީސް އޮފީހުގެ ވަޒީފާއެއްގައި ހުރި މުވައްޒަފެކެވެ. އަދި އޭނާ އެ އޮފީހުގައި ވަޒީފާ އަދާކުރީ ހަފުތާއެއްހާ ދުވަހަށް ކަމަށް ވެސް ބުނެފައިވެ އެވެ.