ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕީއެންއެފްއިން ކޮންމެ ރެއަކު ބާއްވާ މުޒާހަރާތައް ލައިވްނުކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަނުން 'ޗެނަލް 13'އަށް އަންގައިފި އެވެ.
ބްރޮޑްކާސްޓިން ކޮމިޝަނުން 'ޗެނަލް 13'ގެ ސީއީއޯ އިސްމާއިލް ސަފްވާނަށް ފޮނުވާފައިވާ ސިޓީގައި ބުނީ ޕީއެންއެފްގެ މުޒާހަރާތައް ލައިވް ކުރަމުންދާއިރު އާންމު އިޖުތިމާއީ މިންގަނޑާއި މީޑިއާގެ ސުލޫކީ މިންގަނޑާ ހިލާފު ވާހަކަތަކާއި މަންޒަރުތައް ބްރޮޑްކާސްޓް ކުރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
އެ މައްސަލަ މީޑިއާ ކޮމިޝަންގެ ސަމާލުކަމަށް އައުމާ ގުޅިގެން، މި މަހުގެ 20 ވަނަ ދުވަހު ވަނީ މުޒާހަރާ ލައިވްކުރުމުގައި އެއް މިނެޓުގެ "ޑިލޭ" އެއް ބޭނުންކުރުމަށް ޗެނަލް 13 އަށް އަންގާފައެވެ. މީގެ އިތުރުން، އެ އެންގުމަށް އަމަލުކުރުމަށް ބާރުއެޅުމުގެ ގޮތުން ދެ ފަހަރެއްގެ މަތިން ފޯނުން ގުޅައި، އެސްޓޭޝަނުގެ ވެރިންގެ ސަމާލުކަމަށް އެކަން ގެނައި ކަމަށް ވެސް ކޮމިޝަނުން ބުނެއެވެ.
ނަމަވެސް، ކޮމިޝަންގެ އެންގުންތަކާ ތަކުރާރުކޮށް ހިލާފުވެ، އެއްވެސް ޑިލޭއަކާ ނުލައި މުޒާހަރާ ލައިވް ބްރޮޑްކާސްޓް ކުރަމުންދާތީ، ގާނޫނާއި ގަވާއިދުތަކުގެ ދަށުން އެ މައްސަލައިގައި ވަކި ގޮތެއް ނިންމަންދެން ޕީއެންއެފްގެ މުޒާހަރާތައް ލައިވްކުރުން މެދުކަނޑާލަން މިހާރު ވަނީ އަންގައިފައެވެ.