ގާނާގައި ހުންނެވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންނެވީ ކަންބޮޑުވެގެން ކަމަށާއި ގައުމަށް ބަދަލު ގެނެވޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދުގެ ކެމްޕެއިންގެ ތެރެއިން ގަލޮޅު ކަންމަތީގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ ދުނިޔެ އޮތީ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި ކަމަށާއި ދުނިޔޭގެ ކަންކަން ވަރަށް ބޮޑަށް ބަދަލުވަމުން ދާ މި ދަނޑިވަޅުގައި، ރާއްޖެއިން ފައި ހިފަހައްޓަންޖެހޭ ކަމަށެވެ.
ނަމަވެސް ފައި ކައްސާލައިފި ނަމަ ލިބިފައި އޮތް ތަނަވަސްކަން ނުވަތަ ބޯހިޔާވަހިކަން ލިބުނު މިންވަރު، ބޭސް ސިޓީއަށް ސަލާން ޖަހަން ނުޖެހުން، ފޮތްލިސްޓަށް އާދޭސްކުރަން ނުޖެހުން، އެކަނިވެރި މައިންނަށް ދެވުނު އެއްޗެއް، ޔަތީމު ކުދިންނަށް ދެވުނު އެއްޗެއް ގެއްލިދާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ގާނާގައި ހުރެފައި ރާއްޖެ އައިސް މިހުރީ ވަރަށް ކަންބޮޑުވެގެން. ކިތައްމެ ދަންނަ ގާތް ބައެއް އެބަ ގުޅާ. އެބަ ބުނޭ ރައީސްއޭ، އަންނިއޭ، ވިދިވިދިގެން ތިން އިންތިހާބު ގެއްލިއްޖެޔޭ، އަނެއްކާ މި އޮންނަނީ ކައުންސިލް އިންތިހާބޭ، ކަލޭ ހަމަ ތި ތަނުގައި މާ ބޮޑު ނޮން-ގަވަމެންޓަލް އޯގަނައިޒޭޝަނެއްގައި ހުންނަނިއްޔޭ ކިޔާ ހުންނަންވީހޭ. ދިވެހިން ދިވެހިރާއްޖެއަށް ވާންވީ ކިހިނެއްހޭ،" ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު މި ހުރީ އައިސް، އިރާދަކުރެއްވިޔާ އަޅުގަނޑުމެންނަށް ކައުންސިލް އިންތިހާބު ކާމިޔާބު ކުރެވިއްޖެ. އެ ކާމިޔާބާ އެކީގައި ކުރިއަށް މި އޮތް ރިޔާސީ އިންތިހާބު އަޅުގަނޑުމެން ހޯދާން ޖެހޭނެ. އެ ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން މިސްރާބު ހިފާއިރު، ބަދަލުތަކުގެ އެޖެންޑާ ރައްޔިތުންނަށް ދޭން ޖެހޭނެ، ފޯރުކޮށްދޭން ޖެހޭނެ،"
މި ބަދަލު ގެނެވޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށާއި އެއީ އެހެން ބަޔަކަށް ގެނެވޭނެ ބަދަލެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި މިއީ އެމަނިކުފާނަށް އެކަނިވާނެ ކަމެއް ނޫން ކަމަށާއި މިއީ އެމަނިކުފާނާއި ރައްޔިތުން އެއްވުމުން ވާނެ ކަމެއް ކަމަށްވާއިރު އެކަމުގައި ސާބިތުކަމާއެކި ތިބެންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.