Last Updated: June 5, 10:30
Friday, June 5, 2026
ޚަބަރު

185 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 185 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި އެވެ.

އިއްޔެ ދޫނިދޫގައި ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ހުރި 4،690 ރަބަރު ޕެކެޓާއި 2،768 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި 335 ދަޅާއި، 462 ބުލެޓު އަދި 8 ބިޑީގެ އިތުރުން 3437 މަނާ ބޭސްގުޅަ އެވެ. އަދި އެހެނިހެން ތަކެތީގެ ގޮތުގައި 1،809 އައިޓަމެއް ވެސް ނައްތާލާފައިވެ އެވެ.

އެ ތަކެތި ނައްތައިލީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާ އެކު، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތީގެ ތެރެއިން އެ މައްސަލައެއް ތަހުގީގު ކުރުމަށް ގާނޫނީ ގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށް ފަހު ބާކީ ހުންނަ މަސްތުވާތަކެތި ވީއެންމެ އަވަހަކަށް ނައްތާލަ އެވެ.