Last Updated: June 5, 10:30
Friday, June 5, 2026
ޚަބަރު

ރައީސްގެ ލަންކާ ދަތުރު އަންނަ ހަފުތާގައި

ރައީސް ޑރ. މުހައްމަދު މުއިއްޒު ސްރީ ލަންކާ އަށް ކުރައްވާ ރަސްމީ ދަތުރު އަންނަ ހަފުތާގެ ތެރޭގައި ފަައްޓަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ދަތުރާ ގުޅުން ހުރި ތައްޔާރީތަކަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިހާތު ލަންކާގައި ހުންނެވި
އިރު، ކޮލޮމްބޯގައި ހުންނަ ދިވެހި ހައި ކޮމިޝަންގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނަ ވިދާޅުވީ ރައީސް އަންނަ ހަފުތާގައި ލަންކާ އަށް ވަޑައިގަންނަވާ އިރު، ކުރިން ދެ ފަހަރެއްގެ މަތިން އެ ފަސްކުރަން ޖެހުނު ކަމަށެވެ.

އެގޮތުން ފުރަތަމަ އެ ދަތުރު ފަސްކުރަން ޖެހުނީ ލަންކާ އަށް އެރި ޑިޓްވާ ތޫފާނާ ގުޅިގެންނެވެ. ދެވަނަ ފަހަރަށް ދަތުރު ފަސްކުރީ ރާއްޖޭގެ ލޯކަލް އިންތިޚާބާ ގުޅިގެންނެވެ.

ނަމަވެސް އަންނަ ހަފުތާގައި ރައީސް ލަންކާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހުނު ނަމަވެސް އެ ދަތުރު ފައްޓަވާނެ ވަކި ދުވަހެއް މުންދު ވިދާޅެއް ނުވެ އެވެ.

ދާދި ފަހުން ލަންކާގެ ނޫސްތަކުން ވެސް ވަނީ މި މަހު ރައީސް މުއިއްޒު އެ ގައުމަށް ވަޑައިގެން، ސަރުކާރުގެ އިސް ފަރާތްތަކާ ބައްދަލު ކުރައްވައި އެކި ދާއިރާތަކުން މަޝްވަރާ ކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކެ ވެސް ރާއްޖެ އަށް ރަސްމީ ދަތުރެއް ކުރެއްވި އެވެ.