Last Updated: July 11, 11:17
Saturday, July 11, 2026
ރިޕޯޓް

ޢިއްޒަތާއި އަބުރަކީ ކުޅޭކުޅޭ އެއްޗެއް ނޫން!

މީހުންގެ އަބުރަށް އަރައި ގަތުމަކީ ބޮޑުވެގެންވާ ފާފައެކެވެ. މިއީ މިއަދު މުޖުތަމައުގައި އާންމުވެފައިވާ ކަމެކެވެ. މީހުންގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމަކީ ފަސޭހައިން ކޮށްލެވޭ ކަމަކަށް މި ވަނީ ވެފަ އެވެ. ނަމަވެސް މިއީ މާތް اللهُ ޙަރާމްކުރައްވާފައިވާ، ބޮޑު ހަތް ފާފައިގެ ތެރޭގައި ހިމެނޭ ނުބައި އަމަލެކެވެ.

މިކަމުގެ ނުރައްކާތެރިކަން:

އާޚިރަތުގެ ޢަޛާބު: މާތް اللهُ ވަހީކުރައްވާފައިވެ އެވެ: "ހަމަކަށަވަރުން، ފާފަވެރިކަމެއްގެ ޚިޔާލެއްނެތް، އީމާންވެގެންތިބި، އިއްފަތްތެރި އަންހެނުންނަށް ގަޛްފުކުރާ މީހުންނަށް (އެބަހީ: ޒިނޭގެ ތުހުމަތުއަޅުވާ މީހުންނަށް) ދުނިޔެއާއި އާޚިރަތުގައި ލަޢުނަތްލެއްވިއެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ ޢަޛާބު ހުއްޓެވެ." (ސޫރަތުއްނޫރު: 23)

ދުނިޔޭގައި ދެވޭ އުޤޫބާތް: އިސްލާމީ ޝަރީޢަތުގައި، ހެކިނެތި މީހެއްގެ ބޮލުގައި މިފަދަ ތުހުމަތެއް އަޅުވައިފި މީހަކަށް 80 އެތިފަހަރުގެ ޙައްދު ޖެހުމަށް އަމުރުކުރައްވާފައިވެއެވެ.

ހެކިބަސް ޤަބޫލު ނުކުރުން: އެފަދަ މީހުންނަކީ ފާސިޤުން ކަމުގައި ކަނޑައެޅި، އެމީހުންގެ ހެކިބަސް ދުވަހަކުވެސް ޤަބޫލުނުކުރުމަށް އަންގަވާފައިވެއެވެ.

ސަމާލުކަމަށް:

ސޯޝަލް މީޑިއާގައި މީހަކާ ބެހޭ ގޮތުން ފެންނަ ކޮންމެ ވާހަކައެއް ގަބޫލުކޮށް، އެ ޝެއަރކޮށް، މީހުންގެ އަބުރަށް އަރައިގަތުމަކީ ތިމާގެ ނަމާދުތަކާއި ހެޔޮ އަމަލުތައް ގެއްލިގެން ހިނގައި ދާނެ ކަމެކެވެ. ދޫ ރައްކާތެރިކުރަމާ ހިނގާށެވެ! ތިމާގެ ދުލުން ބޭރުވާ ކޮންމެ ބަހަކީ މާދަމާ އެއަށް ޖަވާބުދާރީވާން ޖެހޭނެ އެއްޗެކެވެ.

މާތް اللهُ އަޅުގަނޑުމެން އެންމެންނަކީ މީހުންގެ އަބުރަށް އިޙްތިރާމްކުރާ، ދޫ ރައްކާތެރިކުރާ ބަޔަކު ކަމުގައި ލައްވާށި. އާމީން.

ނޯޓް: މިއީ ޝައިހް އާޒިމް ޚާލިދުގެ ލިޔުއްވުމެކެވެ.