Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ޓެކްސީ އަގުތަކަށް ބަދަލު ގެންނާނީ މަޝްވަރާކޮށްފައި

ތެލުގެ އަގު ބޮޑުވެފައިވާތީ ޓެކްސީ ހިދުމަތުގެ އަގުތަކަށް ބަދަލު ގެންނަން މާލެ ސަރަހައްދުގެ ޑްރައިވަރުންގެ ފަރާތުން ސަރުކާރަށް ގޮވާލާފައިވާތީ އެފަދަ ބަދަލެއް ގެންނާނީ ކަމާބެހޭ ހުރިހާ ފަރާތްތަކާ މަޝްވަރާކޮށްފައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި އޭނަ ވިދާޅުވީ ޓެކްސީ ހިދުމަތުގެ އަގުތަކަށް ބަދަލު ގެނައުމާ ގުޅޭގޮތުން ފުރިހަމަ އަށް މަޝްވަރާ ކުރެވެން ޖެހޭ ކަމަށެވެ. އެގޮތުން ކެބިނެޓުގައި އެކަމާ ގުޅޭ މަޝްވަރާތައް ކުރައްވަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ޓެކްސީ އަގުތަކަށް ބަދަލު ގެނައުމަށް ޑްރައިވަރުން އެދޭ ކަމަށް، ސިޓީ އައިސްފައި ހުރި އަޅުގަނޑު ހަވާލުވިއިރު ވެސް. އަޅުގަނޑު ދަންނަވާފައި އޮތީ ސިޓީތައް ބަލާފައި ކެބިނެޓް ލެވެލްގައި އެ ވާހަކަ ދައްކައި އިތުރަށް ވާހަކަ ދައްކަން ޖެހޭ ފަރާތްތަކާއި އެކު އެވާހަކަ ދައްކާނެ ކަމަށް، ސައީދު ވިދާޅުވި އެވެ. "އޭގެ ތެރޭގައި ޑްރަވަރުންނާއި ސެންޓަރުތައް ވެސް ހިމެނޭ." \

ޓެކްސީގެ އަގުތަކަށް ބަދަލު ގެންނަން ޑްރައިވަރުންގެ ޖަމިއްޔާ އިން ގޮވައިލި އިރު، މި ސަރުކާރުން ޓެކްސީގެ ހިދުމަތް ދޭން ފެށުމާ ގުޅިގެން ވެސް ޓެކްސީ ޑްރައިވަރުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ސަރުކާރުގެ ޓެކްސީ ލައިން ހިދުމަތުގެ ދަށުން އެންމެ ފުރަތަމަ މާލެ ސަރަހައްދުގައި އެ ހިދުމަތް ފެށީ މި މަހުގެ 2 ގަ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތައި އެ ހިދުމަތުގެ ބޭނުމަކީ ޓެކްސީ ހިދުމަތަކީ ފަސޭހަކޮށް، 24 ގަޑިއިރު ލިބޭ ހިދުމަތަކަށް ހެދުމެވެ.