ގިނަ އަދަދެއްގެ ހިންދީ ފިލްމުތަކެއް ކުޅެފައިވާ އިންޑިއާގެ އެކްޓަރު ބާރަތު ކަޕޫރް މަރުވެއްޖެ އެވެ.
އުމުރުން 80 އަހަރުގައި އޭނަ މަރުވީ އިއްޔެ އެވެ. މީޑިއާތަކުން ބުނީ ބާރަތު މަރުވީ މި ފަހުން ސިއްހީ ހާލަތު ވަރަށް ގޯސްވެފައި ވަނިކޮށް، މުމްބާއީގެ ސިއޯން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް ހިތް ހުއްޓިގެން ކަމަށެވެ.
ނަވާރަ ސަތޭކަ ހަތްދިހައިގެ ތެރޭގައި އެކްޓިން އަށް ނުކުތް ބާރަތު ފިލްމުތަކުގައި މުޅިން ވެސް ކުޅެފައި ސަޕޯޓިން ރޯލުތަކެވެ. އެގޮތުން ގިނަ ފިލްމުތަކެއްގައި އޭނަ ނެގަޓިވް ރޯލުތައް ކުޅެފައިވެ އެވެ. ބާރަތުގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ނޫރީ"، "ރާމް ބަލްރާމް"، "ލަވް ސްޓޯރީ"، "ސޯނޭ ޕޭ ސުހާގާ"، "ސުވަރްގް"، "ހުދާ ގަވާ"، "ގުލާމީ"، "އާހިރީ ރާސްތާ" އަދި "ރަންގް" ހިމެނެ އެވެ.
ބާތަރު އެންމެ ފަހުން ފެނިފައިވާ ފިލްމަކީ 2004 ގެ "މީނާކްޝީ: ދަ ޓޭލް އޮފް ތުރީ ސިޓީސް" އެވެ.
އޭނަ އަކީ ބައެއް ޓީވީ އުފެއްދުންތަކުގައި ވެސް މަސައްކަތްކުރި އެކްޓަރެކެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ސިލްސިލާ އަކީ ކަލާސް ޓީވީން 2009-2011 އަށް ގެނެސްދިން "ބަގިއަވިދާތާ" އެވެ. އަދި އެންމެ ފަހުން ބާރަތު ކުޅުނި ސިލްސިލާ އަކީ ސަހާރާ ވަންގެ 2011 ގެ "ކަހާނީ ޗަންދުރަކަންތާ ކީ" އެވެ.